ހަބަރު

ކައުންސިލަރެއް ހައްޔަރުކުރަން ސައްހަ ނޫން ކޯޓް އަމުރެއް

ގއ. ކަނޑުހުޅުދޫ ކައުންސިލް މެމްބަރަކު ހައްޔަރުކުރަން އެ އަތޮޅު ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ގަވާއިދާ ހިލާފަށް ކޯޓު އަމުރެއް ނެރެފި އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އެފަދަ ކޯޓު އަމުރެއް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކަމަށާއި އެ ކޯޓު އަމުރު އިސްތިއުނާފް ކުރަން ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފުލުހުން ކޯޓު އަމުރަކަށް ނޭދެނީސް އެފަދަ އަމުރެއް ނެރުމަކީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން މަނާ ކަމަކަށް ވާތީ އެއަމުރަށް ފުލުހުން އަމަލު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ކަނޑުހުޅުދޫ ކައުންސިލް މެމްބަރު ޝާހިދު އިބްރާހީމް ހައްޔަރު ކުރަނީ އެރަށު މެޖިސްޓްރޭޓް ހަސަން ދީދީ އަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެކަމާ ގުޅޭގޮތުން އަވަސް އާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެފަދަ އެއްވެސް އިންޒާރެއް ދީފައި ނުވާނެ ކަމަށާއި ބެލެވެނީ ކައުންސިލް އިންތިހާބް ކާމިޔާބުކުރުމުން ސިޔާސީ ގޮތުން އެކަމާ ހަސަދަވެރިވާ ފަރާތްތަކަކުން ކުރި ޒާތީ އަަމަލެއް ކަމަށެވެ. ކަނޑުހުޅުދޫ ކައުންސިލްގެ މެމްބަރު ޝާހިދު އަކީ ޕީޕީއެމް އަށް ނިސްބަތްވާ ކައުންސިލް މެންބަރެކެވެ. ދެން ތިބެނީ އެމްޑީޕީއަށް ނިސްބަތްވާ ދެ ކައުންސިލް މެންބަރުންނެވެ.