ކުޅިވަރު

އޭޝިއާގެ ވަރުގަދަ ތަރިންނާ ވާދަކޮށް ސާއިދަށް ބޮޑު ކާމިޔާބެއް

Jul 7, 2017
1

އިންޑިއާގެ ބުބަނޭޝަވަރުގައި ކުރިއަށްދާ އޭޝިއާގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލުގައި، އޭޝިއާގެ އެންމެ ވަރުގަދަ ދުވުންތެރިންނާ ވާދަކޮށް ރާއްޖޭގެ ހަސަން ސާއިދު ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

ފައިނަލުގައި ސާއިދު ވާދަ ކުރީ، ކުޅިވަރުގެ ވަސީލަތްތަކުގެ ގޮތުން އަދި އެތުލެޓިކްސްގެ ޓެކްނިކަލް ދާއިރާއިންވެސް، ސާކް ސަރަހައްދުގެ ގައުމުތަކަށް ވުރެވެސް، ކުރިއަރާފައިވާ ގައުމުތަކުގެ ދުވުންތެރިންނާ އެވެ. އެގޮތުން، އެތުލެޓިކްސްގައި އެންމެ ކުރި އަރާފައިވާ ޗައިނާގެ ދެ އުތުލީޓުން ފައިނަލުގައި ސާއިދުއާ ވާދަ ކުރި އެވެ.

ދެން ހިމެނެނީ، މެދުއިރުމަތީގެ މުއްސަނދި ދެގައުމު ކަމަށްވާ އިރާން އާއި ގަތަރެވެ. ގަތަރުންވެސް ދެ ދުވުންތެރިން ފައިނަލުގައި ވާދަ ކުރި އެވެ. އިރާން އާއި ގަތަރަކީވެސް ކުޅިވަރު ވަސީލަތްތަކުގައި، އެ ސަރަހައްދުގެ އެހެން ގައުމަތަކަށް ވުރެވެސް ކުރީގައި އުޅޭ ގައުމު ތަކެވެ. ދެން އޮތީ ޗައިނީޒް ޓައިޕޭ އާއި މެލޭޝިއާ އެވެ.

ފައިނަލުގައި، ސާއިދު ވަނީ ގަތަރާއި ޗައިނާ އަދި މުޅި ސެމީ ފައިނަލު އިވެންޓުން އެއް ވަނަ ހޯދި މެލޭޝިއާގެ ހައިރުލް ހާފިޒް ފަހަތަށް ޖައްސާ ލުމަށްފަހު ހަތަރު ވަނަ ހޯދާފަ އެވެ.

އެއް ވަނަ ހޯދައި، ފިރިހެނުންގެ 100 މީޓަރު އިވެންޓުން ރަން މެޑަލް ހޯދީ، އިރާންގެ ހަސަން ޓަފްޓިއާން އެވެ. އޭނާ ރޭސް ނިންމީ 10.25 ސިކުންތުންނެވެ. ޓްފްޓިއާން ރަން މެޑަލް ހޯދީ، 2015 ވަނަ އަހަރުގެ މި މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ގަތަރު ފެމީ ސޫން އެވެ. އޭނާ މިފަހަރު ލިބުނީ ރިހި މެޑަލް އެވެ. އޭނާ ރޭސް ނިންމީ 10.26 ސިކުންތުން ނެވެ.

ތިން ވަނަ ހޯދައި ލޯ މެޑަލް ގެންދިޔައީ، 10.31 ސިކުންތުން ރޭސް ނިންމި ޗައިނީޒް ޓައިޕޭގެ ޔަންގް ޗުން އެވެ. ސާއިދު ހަތަރު ވަނައިގައި ނިންމީ، 10.37 ސިކުންތުންވެ.

ސެމީ ފައިނަލު ހީޓުން ކުރި ހޯދައިގެން، ފައިނަލަށް ދަތުރު ކުރި، ދެކުނު އޭޝިއާގެ ހަމައެކަނި އެތުލީޓަކީވެސް ސާއިދެވެ. އޭނާ ވަނީ ދުވި ހީޓުން ތިން ވަނަ ހޯދާފަ އެވެ. އޭނާ ރޭސް ނިންމީ 10.40 ސިކުންތުންނެވެ. މިއީ ހީޓްގައި ދުވި ވަރަށް ވުރެ ޕޮއިންޓް 3ގެ އަވަސް މިނެކެވެ. ހީޓް ބުރުގައި އޭނާ ރޭސް ނިންމީ 10.43 ސިކުންތުންނެވެ.

ސެމީގެ ހީޓް ދޭއް ގައި ސާއިދުއާ ވާދަ ކޮށް އެއް ވަނަ ހޯދީ ގަތަރުގެ ފެމީ ސޫން އެވެ. އޭނާ ރޭސް ނިންމީ، 10.27 ސިކުންތުން ނެވެ. ދެ ވަނައިގައި ރޭސް ނިންމީ، ޗައިނާގެ ޒޫ ހައިޔަންގް އެވެ. އޭނާ ވެސް ރޭސް ނިންމީ، 10.40 ސިކުންތުންނެވެ.

ހުރިހާ ހީޓަކުން، އެންމެ އަވަހަށް ރޭސް ނިންމީ، ހީޓް ތިނެއްގެ އެއް ވަނަ ހޯދި މެލޭޝިއާގެ ހައިރުލް ހާފިޒެވެ. އޭނާ ރޭސް ނިންމީ 10.24 ސިކުންތުންނެވެ.

އަންހެނުންގެ ސެމީގައި ރާއްޖޭގެ އެއް ވަނަ އަންހެން ދުވުންތެރިޔާ އފާ އިސްމާއިލް ވާދަ ކުރި އެވެ. ނަމަވެސް ފައިނަލު ބުރަށް އޭނާ އަށް އާދެވޭ ގޮތެއް ނުވިއެވެ.