ބޮލީވުޑް

"ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ރިމޭކް ޑައިރެކްޓްކުރަން ކެޓްރީނާ ބޭނުންވި

Jul 8, 2017

ކާމިޔާބު ހޮލީވުޑް ފިލްމު، "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރިމޭކް އުފެއްދުމުގެ ރައިޓްސް މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ގަނެފަ އެވެ.

ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވާ ދެ މޫނު ކަމަށްވާ ޖާންވީ ކަޕޫރާއި އިޝާން ކައްތަރު ލިޑްރޯލުގައި ހިމަނައިގެން މި ފިލްމު އުފައްދަން ނިންމާފައިވާއިރު ފިލްމު ޑައިރެކްޓްކުރާނެ ފަރާތެއް އަދި ނިންމާފައެއް ނުވެ އެވެ.

ނަމަވެސް ކަރަންއާ ގާތް ގުޅުމެއް އޮންނަ ބަތަލާ ކެޓްރީނާ ކައިފް ވަނީ މި ފިލްމު ޑައިރެކްޓް ކުރަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ކަރަން އުފެއްދި ފިލްމު "ބާރް ބާރް ދޭކޯ" އިން ފެނިގެން ގޮސްފައިވާ ކެޓްރީނާ މި ފިލްމު ޑައިރެކްޓް ކުރަން ބޭނުންވެގެން އުޅުނުކަން ހާމަކޮށްފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރެވެ.

ރާޖީވް މަސަންދަށް ރަންބީރު ދިން އިންޓަވިއުއެއްގައި ވަނީ "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރިމޭކްގެ ދިހަ މަންޒަރެއް ކެޓްރިނާ ލިޔެ ނިންމި ކަމަށެވެ. އެ މަންޒަރުތައް ވަރަށް ފުރިހަމަ ކަމަށް ބުނަމުން ރަންބީރު ވަނީ ޑައިރެކްޓަރަކަށް ވާން ކެޓްރީނާ ހިތުގައި އަޒުމު އަދިވެސް އެބައޮތް ކަމަށް ބުނެފަ އެވެ.

"އޭނާ ލިޔުނު 10 މަންޒަރު ވެސް ވަރަށް ފުރިހަމަ. އަހަރެން ގަބޫލު ކުރަނީ ވަރަށް ބޮޑަށް އެކަން ކުރަން ބޭނުންވީމަ އޭ އެގޮތަށް ފިލްމުގެ ދިހަ މަންޒަރެއް ލިޔެ ނިންމާ ލެވޭނީ" ރަންބީރު ބުނެފައިވެ އެވެ.

ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރަންބީރާއި ކެޓްރީނާ ރުޅިވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. މި ދެތަރިން ރުޅިވިފަހުން އެކުގައި ކުޅެފައިވާ ފުރަތަމަ ފިލްމު "ޖައްގާ ޖާސޫސް" އަންނަ ހަފްތާ ބަންދުގައި ރިލީޒް ކުރާނެ އެވެ.