ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލް ސިއްރު ސިއްރުން އެންގޭޖްވެއްޖެ ކަމުގެ ހަބަރުތަކެއް ބުދަ ދުވަހު އިންޑިއާގެ މީޑިއާއިން ވަނީ ފަތުރާފަ އެވެ. އަދި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މި ވާހަކަ ދައްކާ މި ދެ ތަރިންގެ ފޭނުން މިކަމާ ވަރަށް އުފާ ފާޅުކޮށްފައި ވެސް ވެއެވެ.
ނަމަވެސް އިންޑިއާ ޓްޑޭ އަށް ދީފައިވާ އިންޓަވިއުއެއްގައި ކެޓުރީނާގެ ޓީމުގައި ހިމެނޭ މެމްބަރަކު ވަނީ މި ވާހަކަ ދޮގު ކޮށްފަ އެވެ.
ވިކީ އާއި ކެޓުރީނާ އެމީހުންގެ ލޯބީގެ ގުޅުން ސީރިއަސް ގުޅުމަކަށް ބަދަލު ކުރަން ވިސްނާ ކަމުގެ އަޑުތައް ފެތުރެމުންދާތާ ދުވަސްކޮޅެއް އެވެ.
މި ދެ ތަރިން ރައްޓެހިވެގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އެމީހުން ސީރިއަސްކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވިކީ ވެސް އަދި ކެޓުރީނާ ވެސް އެއްބަހެއް ނުވެ އެވެ. ވިކީގެ އެންމެ ފަހުގެ އިންޓަވިއުގައި ވެސް ބުނީ ޒާތީ ވާހަކަތައް މީޑިއާގައި ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި މީގެ ދެ ތިން ހަފުތާ ކުރިން އަނިލް ކަޕޫރުގެ ދަރިފުޅު އަދި އެކްޓަރު ހަރްޝްވަރްދަން އަށް ވަނީ ވިކީ އާއި ކެޓުރީނާއަކީ ލޯބީގެ ޖޯޑެއް ކަމަށް އޮޅިގެން ބުނެވިފަ އެވެ.
ކެޓުރީނާގެ ގެއަށް ވަރަށް ގިނައިން ވިކީ ގޮސް އުޅޭތަން ޕަޕަރާޒީންގެ ކެމެރާތަކަށް އަރަ އެވެ. އަދި ދެ މީހުން އެކުގައި ފިލްމު ބެލުމަށާއި ޕާޓީތަކަށް ދާތަން ވެސް ވަރަށް ގިނައިން ފެނެ އެވެ.
ކެޓުރީނާ މިހާރު ތައްޔާރު ވަމުން ދަނީ ސަލްމާން ޚާނާއެކު ކުޅޭ "ޓައިގާ 3" ގެ އައުޓްޑޯ ޝޫޓީންގްއަކަށް ރަޝިޔާއަށް ފުރުމަށެވެ. އަދި ސިދާންތު ޗަތުރަވޭދީ އާއި އިޝާން ޚައްތަރުއާއެކު ކުޅޭ "ފޯން ބޫތު" ގެ މަސައްކަތް ވެސް ކެޓުރީނާ ވަނީ ފަށާފަ އެވެ. އަދި ދާދިފަހުން އޭނާ ވަނީ އާލިއާ ބަޓް އާއި ޕްރިޔަންކާ ޗޯޕްޅާ އާއެކު "ޖީ ލޭ ޒަރާ"ކިޔާ ފިލްމެއް ކުޅެން އުޅޭކަން އިއުލާން ކޮށްފަ އެވެ.
އަނެއްކޮޅުން ވިކީ މަސައްކަތްކުރަމުން ދަނީ "ދަ އިމޯޓަލް އަޝްވާތުމާ" އާއި "ސަރްދާރް އުއްދަމް ސިންގް" ގައެވެ.