ބޮލީވުޑް

ކެޓުރީނާއާ ވިކީގެ ލޯބި ފަޅާއަރުވާލީ ހަރްޝް

ބޮލީވުޑް ތަރިންގެ ލޯބީގެ ވާހަކަތައް އަބަދާ އަބަދު އިވި އިވި ހުރެ އެވެ. ނަމަވެސް ވަރަށް ގިނަ ފިލްމީ ތަރިން އެމީހުންގެ ލޯބީގެ ވާހަކަތައް އާންމުންނަށް އަންގާކަށް ބޭނުމެއް ނުވެ އެވެ. އެހެންވެ ނޫސްވެރިން ސުވާލު ކުރިޔަސް އެމީހުން ކަނޑައެޅިގެން ހަދަނީ ދޮގެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ތެރޭގައިހިމެނޭ ވިކީ ކޯޝަލް އާއި ކެޓުރީނާ ކައިފް ވެސް ރައްޓެހި ވެގެން އުޅޭ ކަމަކަށް އެއްބަހެއް ނުވެއެވެ. ނަމަވެސް އެމީހުންގެ ލޯބީގެ ވާހަކައަކީ އެންމެ ދަންނަ ބޮޑު ސިއްރަށް ވަނީ ވެފަ އެވެ.

ނޫސްވެރިން ކައިރީ އެއްބަސް ނުވިޔަސް އުޅޭ އުޅުމުން އެ މީހުންގެ ގުޅުން ސިއްރު ކުރަން ވިކީ ވެސް ކެޓުރީނާ ވެސް މަސައްކަތެއް ނުކުރެ އެވެ. އެކުގައި ޕާޓީތަކަށް ދިއުމާއި ރޭގަނޑުގެ ކެއުންތަކަށް ދިއުން ފަދަ ކަންކަން އެމީހުން އަބަދުވެސް ކުރެ އެވެ. އަދި އެކަކުގެ ގެޔަށް އަނެކަކު ޒިޔާރަތް ކުރުމުގެ ސިލްސިލާ ވެސް ކުރިޔަށް ދެއެވެ. ހަމައެކަނި އެމީހުން މި ލޯބީގެ ވާޙަކައަކީ ތެދެއް ކަމަށް އެއްބަސް ނުވާކަން އެކަންޏެވެ.

ވިކީ އާއި ކެޓުރީނާ އެއްބަސް ނުވިޔަސް އެ ދެ މީހުންގެ އެކުވެރި އެކްޓަރެއް ކަމަށްވާ ހަރްޝްވަރްދަން ކަޕޫރު ދާދިފަހުން ވަނީ މި ދެމީހުންގެ ލޯބި ބޭޒާރު ކޮށްލާފަ އެވެ.

ޒޫމް ޓީވީ އަށް ދިން އިންޓަވިއު އެއްގައި ހަރްޝްއަށް އޮޅިގެން ނަމަވެސް ބުޅާ ވަނީ ގޯނިން ބޭރު ކޮށްލެވިފަ އެވެ. ޒޫމް އިންޓަވިއުގައި ސުވާލުކުރި ނޫސްވެރިޔާ ހަރްޝް ކައިރީ އަހަނީ އިންޑަސްޓްރީގައި ދެކެވޭ ވާހަކަތަކުގެ ތެރެއިން އެއީ ތެދެއް ކަމަށް އޭނާ ގަބޫލުކުރާ ކަމަކާއި ޕީއާރް ސްޓަންޓެއްކަމަށް ގަބޫލުކުރާ ކަމެއް ބުނެދިނުމަށެވެ.

"ވިކީ އާއި ކެޓުރީނާ އުޅެނީ ރައްޓެހިވެގެން. އެއީ ހަގީގަތެއް. އަނެއްކާ މިހެން ބުނެގެން އަހަންނަށް ބޮޑު މައްސަލައެއް ކުރިމަތިވާނެތަ؟" ހަރްޝް ނޫސްވެރިޔާ އާ ސުވާލުކުރި އެވެ.

ހަރްޝް މިގޮތަށް ވާހަކަ ދެއްކުމުން އޭނާ ދެކެ ވިކީ އާއި ކެޓުރީނާ ހިތްހަމަނުޖެހުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހަރްޝް ދެއްކި ވާހަކައަކީ ހުރިހާ މީހުންނަށް ވެސް އެނގޭ ކަމެކެވެ.

އިންޑިޔާ ނޫހަކަށް 2019ގައި ވިކީ ދީފައިވާ އިންޓަވިއު އެއްގައި އޭނާ އާ ނޫސްވެރިއަކު މި ސުވާލު ކުރި އެވެ. ހަގީގަތުގައި ވެސް އޭނާ އާއި ކެޓުރީނާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެންތޯ ނޫސްވެރިޔާ ސުވާލުކުރުމުން ވިކީ ބުނީ އޭނާގެ ޒާތީ ދިރިއުޅުމުގެ ވާޙަކަތައް ދައްކަން އޭނާއަށް އެހާ ފަސޭހަ ނޫން ކަމަށެވެ. އޭނާ ކަނޑައެޅިގެން ކެޓުރީނާގެ ނަން ނުބުނެ ލޯބީގެ ގޮތުން މީހަކާ ގުޅުމާ ބެހޭ ގޮތުން އޭނާ ދެކޭ ގޮތް އޭރު ވިކީ ބުނެފައި ވެއެވެ.

"ލޯބިވުމުގެ ގެއްލުމެއް ނެތް. އެއީ ވަރަށް ހިތްގައިމު އިހްސާސެއް،" ވިކީ ބުނެފައި ވެއެވެ.

ވިކީ ކޮވިޑް-19 އަށް ޕޮޒިޓިވް ވީތާ ދެ ދުވަހެއް ތެރޭ ކެޓުރީނާ ޕޮޒިޓިވްވީ ވާހަކަ ނޫސްތަކުގައި ލިޔުމުން ވެސް ވަރަށް ގިނަ މީހުން މިކަމާ މަޖާ ވެގެން އުޅުނެވެ. ދެ މީހުން އެއްބަސް ނުވިޔަސް ރައްޓެހިވެގެން އެކަކު އަނެކަކުގެ ގެޔަށް ޒިޔާރަތްކޮށް އުޅޭކަން ފަޅާ އެރީ ކަމަށް ވެސް ބައެއް މީހުން ކޮމެންޓުކޮށްފައި ވެއެވެ.

ކެޓުރީނާ ކުރިން ވަނީ ސަލްމާން ޚާނާއި ރަންބީރު ކަޕޫރާ ރައްޓެހިވެގެން ވަރަށް ގިނަ ދުވަހު އުޅެފަ އެވެ. ވިކީ ބޮލީވުޑަށް ނުކުތް އިރުވެސް އުޅެނި ހަރްލީން ޝެތީ އާ ރައްޓެހިވެގެންނެވެ. އޭނާ ހަރްލީން އާ ރުޅިވީ ކެޓުރީނާގެ އަވައިގައި ޖެހިގެން ކަމަށް ބައެއް ނޫސްވެރިން އެ ދުވަސްވަރު ޚަބަރު ފެތުރި އެވެ.

ފިލްމީ ރޮނގުން ބަލާއިރު ކެޓުރީނާގެ "ސޫރިޔަވަންޝީ" ނިމި ރިލީޒް ނުކުރެވި އޮންނަތާ ކިތަންމެ ދުވަހެކެވެ. އިންޑިޔާގެ ބޮޑު ސްކްރީންތަކުގައި ފިލްމު އަޅުވަން ބޭނުންވާތީ އެފަދަ ފުރުސަތެއް އަދި ތަނަވަސް ނުވެގެންނެވެ. ވިކީ ކުޅެމުންދާ ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ "ތަޚުތު"، ޝޫޖިތު ސިރްކާރްގެ "ސާރްދާރް އުދަމް ސިންގް" އަދި "ދަ އިމޯޓަލް އަޝްވަތަމާ" ހިމެނެ އެވެ.