ހަބަރު

މައުމޫންގެ ސަޕޯޓަރުންނަށް އެމްޑީޕީ އިން ދިން އަނިޔާގެ ލަކުނުތައް ނުފިލާ: ސަލީމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ސިޔާސީ ގޮތުން ގުޅިގެން މަސައްކަތް ކުރައްވާތީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ ބޮޑެތި ފާޑުކިޔުންތަކެއް އެ ދެ ބޭފުޅުންނަށް އަމާޒުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް މައުމޫން އާއި ޕީޕީއެމްގެ މެންބަރުންތަކެއް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި "އަވަސް"އާ ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ރައީސް މައުމޫންގެ ގޭ ދޮށަށް އެމްޑީޕީ މީހުން އެއްވި އިރު ރައީސް މައުމޫންގެ ދިފާއުގައި ނިކުތް ފަރާތްތަކަށް ލިބުނު އަނިޔާތަކުގެ ލަކުނުތައް ނުފިލާ ކަމަށެވެ. ނަމަވެސް ރައީސް މައުމޫން ބޭނުންވި މަގްސަދު ހާސިލް ނުވުމުން ގައުމު ލާދީނީ ފިކުރަކަށް ވިއްކާލަން ނިންމާ ރައީސް ނަޝީދާ ބައިއަތު ހިފީ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ރައީސް މައުމޫންއާ ކެރަފާ ނަޝީދު ބައްޔިތު ހިފުމުގެ ބޭނުމަކީ ކޮބާތޯ؟ ރާއްޖޭގެ ތާރީހުގައި ކަޅު ސަފުހާތަކެއް އުކާލާ އިރު ކަޅު މުހައްމަދު ރަސްގެފާނު ކަން ކުރެއްވި ގޮތަށް މި ގައުމަށް ކަން ކުރައްވަން ތޯ ކެރަފާ ނަޝީދަ ބައްޔިތު ހިފީ. އޭނާ ވެސް ދެވަނަ ފަހަރަށް ތަހުތު ނުލިބުނީމަ ޕޯޗުގީޒުންނަށް ގައުމު ހަވާލު ކުރީ،" ސަލީމް ވިދާޅުވި އެވެ.

ރައީސް ނަޝީދު އެކު ރައީސް މައުމޫން ފާޅުގައި މަސައްކަތް ކުރަން ފެށީ އެ މަނިކުފާނު ސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެންދެވުމަށް ފަހު އިދިކޮޅު ތިން ލީޑަރުންނާއެކު މިދިޔަ މާޗު 24 ވަނަ ދުވަހު ގަރާރެއްގައި ސޮއި ކުރެއްވި ފަހުންނެވެ.