ރާއްޖެ ކުޅިވަރު

ލުކާކޫ ޔުނައިޓެޑަށް ވިއްކާލަން އެވަޓަން އެއްބަސްވެއްޖެ

Jul 8, 2017

އެވަޓަން އަށް ކުޅެމުންދާ ބެލްޖިއަމްގެ ފޯވަޑް ރޮމެއޫ ލުކާކޫ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން އެވަޓަން އިން އެއްބަސްވެއްޖެ އެވެ.

ޔުނައިޓެޑުން އިއުލާންކުރި ގޮތުގައި ލުކާކޫގެ ޓްރާންސްފާ އަށް ދެ ކްލަބުގެ މެދުގައި އެއްބަސްވުމަކަށް ވަނީ އާދެވިފަ އެވެ. އަދި ލުކާކޫއާއެކު އެއްބަސްވުމަކަށް އާދެވި، މެޑިކަލް ފުރިހަަމަކުރެވުމުން ޓްރާންސްފާގެ ހުރިހާ ކަމެއް ނިމެނޭ ކަމަށެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ޔުނައިޓެޑުން ލުކާކޫ ،24، އަށް ކުރީ 75 މިލިއަން ޕައުންޑްގެ ބިޑެކެވެ.

ޔުނައިޓެޑަށް ލުކާކޫ ވިއްކާލަން އެވަޓަން އިން މި އެއްބަސްވީ އޭނާގެ ކުރީގެ ކްލަބް، ޗެލްސީން ވެސް ލުކާކޫ ގެންދަން މަސައްކަތް ކުރަނިކޮށެވެ. ފަހު ވަގުތު ޗެލްސީން ވަނީ ލުކާކޫ އަށް ބިޑްކޮށްފަ އެވެ.

ބެލްޖިއަމްގެ އެންޑަލެކްޓް އިން ޗެލްސީ އަށް ލުކާކޫ ބަދަލުވީ 2011 ވަނަ އަހަރެވެ. އެކަމަކު އެ ކްލަބް ދޫކޮށް އެވަޓަން އަށް އޭނާ ބަދަލުވީ ފުރުސަތު ނުލިބޭތީ އެވެ. ޗެލްސީން 2014 ވަނަ އަހަރު އެވަޓަން އަށް ލުކާކޫ ވިއްކާލިއިރު، ޗެލްސީގެ ކޯޗަކަށް ހުރީ ޔުނައިޓެޑްގެ ކޯޗަކަށް މިހާރު ހުރި ޖޯސޭ މޮރީނިއޯ އެވެ.

އެވަޓަންގައި ހޭދަކުރި ތިން ސީޒަންގައި ލުކާކޫ ވަނީ 133 މެޗުން 71 ލަނޑު ޖަހައިފަ އެވެ.