ކުޅިވަރު

ވެސްޓްހަމް ހިފަހައްޓާނުލެވި ޔުނައިޓަޑް ބަލިވެއްޖެ

ވެސްޓްހަމް ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމު ހިފަހައްޓާ ނުލެވުމުން 2-0 ން މެންޗެސްޓާ ޔުނައިޓަޑް ބަލި ވެއްޖެ އެވެ.

ދަ ހޭމާގެ ނަމުން މަޝްހޫރު ވެފައިވާ ވެސްޓްހަމްގެ ފޯވަޑްލައިނުން ވަނީ ޔުނައިޓަޑްގެ ޑިފެންސަށް ބާރު ބޮޑު ކޮށްފަ އެވެ. ވެސްޓްހަމްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމުގެ ކުރިން ކާމިޔާބު ކުރީ އެންޑްރީ ޔާމެލެންކޯ އެވެ. ފިލިޕޭ އެންޑާސަން ދިން ބޯޅަ ހިފައިގެން އޭރިއާ ތެރޭގައި ހުރެފައި ޔާމެލެންކޯ އެ ބޯޅަ ފޮނުވާލީ ބޯޅަ ދިފާއު ކުރަން މަސައްކަތް ކުރި ޔުނައިޓަޑްގެ ޑިފެންޑަރަށްވެސް ފުރުސަތު ނުދީ އެވެ.

ބޯޅަ ވަނީ ތިރިތިރިން ގޮސް ގޯލްގެ ދަނޑީގައި ޖެހިލާފައި ގޯލްގެ ކަނަށެވެ. ޔުނައިޓަޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަށްވެސް އެ ބޯޅަ ދިފާއު ކުރުމުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ދެ ވަނަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޔުނައިޓަޑުން މަސައްކަތް ކުރި ނަމަވެސް އެ ޓީމަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ. ވެސްޓްހަމް ފެނުނީ ޔުނައިޓަޑަށް ވުރެ މާ ވަރުގަދަ ކޮށެވެ.

ވެސްޓަހްމަގެ ދެ ވަނަ ލަނޑަކީ އާރޮން ކްރެސްވެލް ޖެހި މޮޅު ހީލޭ ޖެހުމެކެވެ. ޔުނައިޓަޑްގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ކްރެސްވެލް ފޮނުވާލީ ފާރެއްހެން އެތުރިގެން ތިބި ޔުނައިޓަޑްގެ ކުޅުންތެރިންގެ ބޯމަތިންނެވެ. ބޯޅަ ވައްދާލީ ގޯލްގެ މަތީ ދާގަނޑަށް އަމާޒު ކޮށެވެ. ބޯޅަ ދިފާއު ކުރުމަށް ކީޕަރު ޑެހެއާ ވަރަށް މަސައްކަތް ކުރި އެވެ. އެހެންނަމަވެސް އޭނާ އެ ބޯޅަ ސަލާމަތެއް ނުކުރެވުނެވެ.

މެޗުން މޮޅުވެ ވެސްޓްހަމް ވަނީ 11 ޕޮއިންޓް ހޯދައި ތާވަލުގެ ހަތަރު ވަނަ ޖެހިލާފަ އެވެ. ޔުނައިޓަޑް އޮތީ އަށް ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގަ އެވެ.