ކުޅިވަރު

ފުޓްބޯޅައިން ވެންހާލް ރިޓަޔާ ކޮށްފި

މެންޗެސްޓާ ޔުނައިޓަޑާއި ބާސެލޯނާގެ ކުރީގެ ކޯޗް، ހޮލެންޑްގެ ލުއިސް ވެންހާލް ފުޓްބޯޅައިގެ ހުރިހާ ކަމަކުން ރިޓަޔާ ކޮށްފި އެވެ.

ޔުނައިޓަޑްގެ ކޯޗު ކަމުން 2016 ވަނަ އަހަރު ދުރުކުރި ފަހުން، ވެންހާލް އެއްވެސް ޓީމެއްގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ. ޓީވީ ޕްރޮގްރާމްތަކުގައި ފުޓްބޯޅައިގެ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.

ވެންހާލް ވަނީ ކޯޗެއްގެ ގޮތުގައި 20 ތަށި ހޯދާފަ އެވެ. ކޯޗެއްގެ ގޮތުގައި 22 އަކަށް އަހަރު ހޭދަ ކުރި، ވެންހާލް ވަނީ އޭނާ ކޯޗް ކޮށްދިން ކޮންމެ ކުލަބަކަށް ތަށި ހޯދައި ދީފަ އެވެ.

އަޔެކްސް އާއެކު 1995 ގެ ޗެމްޕިއަންސް ލީގް ހޯދި އެވެ. އަދި ބާސެލޯނާއާ އެކު ދެ ފަހަރަށް ސްޕެނިޝް ލަ ލީގާ ހޯދި އެވެ. ބަޔާން މިޔުނިކާއެކު ޖަރުމަން ބުންޑެސް ލީގާ ހޯދި އެވެ. އިރެޑިވެސީ ނުވަތަ ހޮލެންޑް ލީގް ތިން ފަހަރަށް ހޯދި އެވެ. އެއީ އަޔެކްސް އާއި އޭޒް އާއެކު އެވެ. އަޔެކްސް އާއެކު ދެ ފަހަރަށް ލީގް ހޯދި އެވެ. ޔުނައިޓަޑާއެކު އިނގިރޭސި އެފްއޭ ކަޕު ހޯދި އެވެ.

ހޮލެންޑްގެ ގައުމީ ޓީމަށް، 2014 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ތިން ވަނަ ހޯދައިދިނެވެ. ވެންހާލް ބުނީ، އޭނާގެ އުމުރުން 55 އަހަރު ވުމުން، ރިޓަޔާ ކުރާނެ ކަމަށް އޭނާގެ އަންހެނުންގެ ގާތު ބުނެ ވުނު ކަމަށެވެ. އެހެންނަމަވެސް އިތުރު 10 އަހަރު ވަންދެން މަސައްކަތް ކުރެވުނު ކަމަށް، މިހާރު އުމުރުން 67 އަހަރުގެ ވެންހާލް ބުންޏެވެ.

ފުޓްބޯޅައިން އޭނާ ރިޓަޔާ ކޯށްފި ކަމަށް 2017 ވަނަ އަހަރު ޚަބަރު ފެތުރުނެވެ. އެހެންނަމަވެސް މިއީ ރަސްމީކޮށް ވެންހާލް އަމިއްލައަށް އޭނާގެ ރިޓަޔާމެންޓް އިއުލާން ކުރި ފުރަތަމަ ފަހަރެވެ.

"އަހަންނަކީ މިހާރު ޕެންޝަން ލިބޭ މީހެއް، އަހަރެންގެ ނެތް އެއްވެސް އަޒުމެއް ޓެކްނިކަލް ޑައިރެކްޓަރަކަށް ވުމުކަށްވެސް، ޓީވީ އެނަލިސްޓަކަށް ވާކަށްވެސް." ހޮލެންޑްގެ ވީޓީބީއެލް ޓީވީގެ ޝޯއެއްގައި ވާހަކަ ދައްކަމުން ވެންހާލް ބުންޏެވެ.