ކުޅިވަރު

ބާސެލޯނާ އާއި ޔުނައިޓެޑްގެ ފުރަތަމަ މެޗު އެއްވަރު

ޔޫއެފާ ޔޫރޮޕާ ލީގުގެ ޕްލޭއޮފް ފުރަތަމަ ލެގްގައި ރޭ ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

ބާސެލޯނާގެ ނޯ ކޭމްޕްގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ އެޓޭކިން ގޭމެކެވެ. މި ދެޓީމަކީ މީގެ ކުރިން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަވެރި ގިނަ މެޗުތަކެއް ކުޅެފައިވާ ދެޓީމެވެ. އެކަމަކު ޔޫރަޕްގެ ދެވަނަ ފަންތީގެ މުބާރާތުގައި މިދެޓީމު ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. މި ހާފުގައި ބާސެލޯނާ އަށް ވުރެ ގޯލު ޖަހާނެ ހުސް ފުރުސަތުތައް ތަނަވަސްކުރީ ޔުނައިޓެޑެވެ.

ދެވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ބާސެލޯނާގެ މާކަސް އަލޮންސޯ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ ރަފީނިއާ ނެގި ކޯނަރަކުން ބޮލުން އަލޮންސޯ ޖެހި ލަނޑެކެވެ. އޭގެ ދެމިނެޓު ފަހުން ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފްރެޑް ދިން ބޯޅަ ހޯދުމަށް ފަހު ގޯލުގެ ކައިރި ކަނަށް ރަޝްފޯޑް ވައްދާލީ ތިރިތިރިން ޖަހަ އެވެ.

ރޭގެ ގޯލާ އެކު ރަޝްފޯޑް ވަނީ ސީޒަނުގައި 22 ލަނޑު ހަމަކޮށްފަ އެވެ. އެންމެ ފޯމުގައި ހުރި 20-2019 ވަނަ ސީޒަނުގައި ވެސް ރަޝްފޯޑް ވަނީ 22 ގޯލު ޖަހައިފަ އެވެ.

ޔުނައިޓެޑަށް މެޗުގައި ލީޑު ލިބުނީ 59 ވަނަ މިނެޓުގައި ޖޫލްސް ކޫންޑޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ކޯނަރެއް ދިފާއުކުރަން އުޅުމުގައި ތެރޭގައި ބައިކޮޅަށް ވަނީ ކޫންޑޭގެ ގައިގައި ޖެހިފަ އެވެ.

ބާސެލޯނާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރި ގޯލު 76 ވަނަ މިނެޓުގައި ޖެހީ ރަފީނިއާ އެވެ. އޭރިޔާ ބޭރުން ރަފީނިއާ ޖެހި ބޯޅަ ޔުނައިޓެޑް ޑިފެންސްލައިން ތެރެއިން ގޮސް ވަނީ ގޯލުގެ ތިރީ ކަނަށެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ، ރޭގެ މެޗު އޭނާ އަށް ފެނުނީ ޗެމްޕިއަންސް ލީގު މެޗަކަށް ވުރެވެސް ފުރިހަމަކޮށް ކަމަށެވެ. އެކަމަކު މެޗުގައި ރަޝްފޯޑަށް ބާސެލޯނާގެ ކުޅުންތެރިއަކު އޭރިޔާ ބޭރުން ކުރި ފައުލެއް ނުދީ، ބާސެލޯނާގެ ކުޅުންތެރިޔާ އަށް ރަތް ކާޑު ނުދެއްކުމުން ޓެން ހާގް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ވެސް ވަނީ ރެފްރީގެ ނިންމުންތަކާ ދެކޮޅަށް ފާޑުކިޔައިފަ އެވެ. ޒަވީގެ ކަންބޮޑުވުމަކަށްވީ މެޗުގެ ފަހުކޮޅު އޭރިޔާ ތެރޭގައި ހުރި ފްރެޑް އަތުގައި ޖެހުމުން ރެފްރީ ޕެނަލްޓީ ނުދިނުމެވެ.

މި ދެޓީމުގެ ދެވަނަ ލެގް އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ޔުނައިޓެޑްގެ ދަނޑުގަ އެވެ. އެ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޔުވެންޓަސް އަމިއްލަ ދަނޑުގައި ފްރާންސްގެ ނޯންޓްސްއާ ވާދަކޮށް 1-1 އިން ވަނީ އެއްވަރުވެފަ އެވެ. ރެޑްބުލް ސާލްސްބާގް އަމިއްލަ ދަނޑުގައި ރޯމާ 0-1 އިން ބަލިކުރިއިރު ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި 0-3 އިން ޕީއެސްވީ ބަލިކޮށްފަ އެވެ. އަޔަކްސް އާއި ޔޫނިއަން ބާލިން ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.