ޗެމްޕިއަންސް ލީގް

ލޭ އޮހޮރުނަސް މެސީ ފަހަތަށް ޖައްސައެއް ނުލެވުނު

ބާސެލޯނާގެ ކެޕްޓަން، ލިއޮނަލް މެސީގެ މޫނު މަތި ފަޅައިގެން ގޮސް ލޭ އޮހުރުނު ނަމަވެސް މެންޗެސްޓާ ޔުނައިޓެޑަށް އޭނާ ފަހަތަށް ޖައްސައެއް ނުލެވުނެވެ. ޔުނައިޓަޑްގެ އޯލްޑްޓްރަފާޑްގައި، ބާސެލޯނާއިން ޔުނައިޓަޑް ބަލި ކުރީ 1-0 ންނެވެ.

މެސީ މޫނު މަތި ފަޅައިގެން ގޮސް ލޭ އަންނަން ފެށީ، ޔުނައިޓަޑްގެ ކްރިސް ސުމޯލިން އާ ކުރި ޗެލެންޖުގަ އެވެ. ލޭ އައިސް މެސީގެ ލޯމަތިވެސް ހުރީ ނޫފައިގެންފައެވެ. އެ ހާނިކައާ ގުޅިގެން މެސީ އަށް ވަނީ ދަނޑު ބޭރުގައި ފަރުވާ ދީފަ އެވެ. ފަރުވާއަށް ފަހު އޭނާ ވަނީ އެނބުރި ކުޅުމާ ބައިވެރިވެފަ އެވެ.

ހަނި މޮޅަކުން ނަމަވެސް، ރަށުން ބޭރުގައި މޮޅެއް ލިބުމަކީ، ބާސާއަށް ބޮޑު ހިތްހަމަޖެހުމެކެވެ. ޗެމްޕިއަންސް ލީގް ތާރީހަށް ބަލާއިރު ޔުނައިޓަޑާއި ބާސާގެ ކުރިމަތިލުން ތަކަކީ ފޯރިގަދަ ކުރިމަތިލުން ތަކެކެވެ.

ބާސާގެ ހަމައެކަނި ލަނޑަކީ، ޔުނައިޓަޑްގެ ލޫކް ޝޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބާސާގެ ލުއިސް ސުއަރޭޒް ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ލޫކް ޝޯގެ އަތުންނެވެ.

ރެފްރީ ފުރަތަމަ ނިންމީ، އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. އެހެންނަމަވެސް، ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުން ފެށިގެން ބޭނުން ކުރަމުން އަންނަ ވީޑިއޯ އެސިސްޓެންޓް ރެފްރީ ޓެކްނޮލަޖީގައި އެހީގައި ބެލުމަށް ފަހު ރެފްރީ އިޓަލީގެ ޖިއާންލޫކާ ރޮކީ ނިންމީ ގޯލެއް ކަމަށެވެ.