އެރިކް ޓެން ހާގްގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ބަދަލުކޮށްލައިފި ކަމަށާއި، އެޓީމުގެ ފޯވާޑް މާކަސް ރަޝްފޯޑަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
ޔޫއެފާ ޔޫރޮޕާ ލީގު ޕްލޭއޮފް ފުރަތަމަ ލެގްގައި މިރޭ ބާސެލޯނާ އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު މިއީ ފަހަކަށް އައިސް ޔޫރޮޕާ ލީގުގައި ކުޅޭ އެންމެ ވަރުގަދަ އެއް މެޗެވެ.
ބާސެލޯނާ ޔޫރޮޕާ ލީގަށް ވެއްޓުނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެޓީމު ހިމެނުނު ގްރޫޕުން ދެވަނަ ލިބުމުންނެވެ. ޔޫރޮޕާ ލީގު ޕްލޭއޮފަށް ޔުނައިޓެޑް ދިޔައީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރެއާލް ސޮސިއެޑާޑްގެ ފަހަތުން ދެވަނަ އަށް ދިއުމުންނެވެ.
"ޓެން ހާގަކީ މޮޅު ކޯޗެއް. އަހަރެންނަށް ވިސްނޭ ގޮތުގައި ޔުނައިޓެޑް ބަދަލުކޮށްލުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު ޓެން ހާގް އެދަނީ އެކަން ކުރަމުން" ޓެން ހާގަށް ތައުރީފް ކުރަމުން ޒަވީ ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވީ މިދިޔަ ސީޒަނަށް ފަހު އެވެ. އޭނާގެ ކޯޗުކަމުގެ ކުރީކޮޅު ނަތީޖާތައް އެންމެ ރަނގަޅު ނުވިނަމަވެސް ފަހަކަށް އައިސް އެޓީމުން އަންނަނީ ގިނަ މެޗުތަކެއް ކާމިޔާބު ކުރަމުންނެވެ.
ޒަވީ ބުނީ ޔުނައިޓެޑް ޓީމުން ކުރީގެ ކުޅުން ފެންނަ ކަމަށާއި ޔުނައިޓެޑަކީ ބާސެލޯނާ އަށް އުނދަގޫ ވާދަވެރިއެއް ކަމަށެވެ.
ޔުނައިޓެޑްގެ ކޯޗުކަމުގައި އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިޔަކީ ރަޝްފޯޑް އެވެ. ވޯލްޑް ކަޕަށް ފަހު ކުޅުނު 15 މެޗުގައި ރަޝްފޯޑް ވަނީ 13 ގޯލު ޖަހައިފަ އެވެ. ސީޒަނުގައި ރަޝްފޯޑް ވަނީ 21 ގޯލު ޖަހައިފަ އެވެ. ކެރިއަރުގައި ރަޝްފޯޑަށް އެއް ސީޒަނުގައި އަދި އެންމެ ގިނައިން ޖެހުނީ 22 ގޯލެވެ.
"ޔުނައިޓެޑް ބަދަލުވަމުން އަންނައިރު ރަޝްފޯޑް ފެންނަނީ ވަރަށް ވަރަށް ނުރައްކާކޮށް. އަހަރެމެން ޖެހޭނެ ހުރިހާ ކުޅުންތެރިންނަށް ވެސް ވަރަށް ބަލަން. ހާއްސަކޮށް ރަޝްފޯޑަށް. އެއީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާ" ރަޝްފޯޑްގެ ކުޅުމަށް ތައުރީފްކުރަމުން ޒަވީ ބުންޏެވެ.
މެޗަށް ނުކުންނައިރު ބާސެލޯނާގެ ސާޖިއޯ ބުސްކެޓްސް އާއި އުސްމާން ޑެމްބެލޭ ހުރީ އަނިޔާގަ އެވެ. ޔުނައިޓެޑްގެ ކްރިސްޓިއަން އެރިކްސެން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރިއިރު ޖެނުއަރީ މަހު އެޓީމަށް ގެނައި މާސެލް ސަބިޓްޒާ ހުރީ ސަސްޕެންޝަނުގަ އެވެ.
ބާސެލޯނާ އާއި ޔުނައިޓެޑް ވެސް މިވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. ބާސެލޯނާ ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑެއްގަ އެވެ. ޔުނައިޓެޑް އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ތިންވަނައިގަ އެވެ.
ބާސެލޯނާ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ 10:45 ގަ އެވެ.