ކުޅިވަރު

ލިވަޕޫލް ނަގާލީ ފުރުސަތު، ޔުނައިޓަޑަށް އަނިޔާގެ ވޭން

މެންޗެސްޓާ ޔުނައިޓަޑް އަތުން 0-0 ން އެއްވަރުވެ، ވާދަވެރި މެންޗެސްޓާ ސިޓީގެ މައްޗަށް ތިން ޕޮއިންޓް ލީޑެއް ނެގުމަށް ލިބުނު ފުރުސަތު ލިވަޕޫލަށް ގެއްލިއްޖެ އެވެ.

އަމިއްލަ ދަނޑު އޯލްޑްޓްރަފާޑްގައި، ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި، ޔުނައިޓަޑަށް ދިމާވީ އަދި މާބޮޑު ވޭނެކެވެ. ފުރަތަމަ ހާފު ނުނިމެނީސް، މުހިންމު ތިން ކުޅުންތެރިންނަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުނީ އެވެ. މެޗުން ޔުނައިޓަޑަށް ވޭނަކަށްވީ އެކަން އެކަންޏެއް ނޫނެވެ. ވަގުތީ ކޯޗް އޮލޭ ގަނާ ޝޮލްޝަޔާގެ ހިތްވަރާއެކު އެ ޓީމުން ހޯދި، ހަތަރު ވަނަ މަގާުމުވެސް އެ ޓީމަށް ގެއްލުނީ އެވެ.

މިހާރު ހަތަރު ވަނަ މަގާމުގައި އޮތީ، ސައުތުހެމްޓަން އަތުން 2-0 ން މޮޅުވި، އާސެނަލް އެވެ. އަންޑާ ހެރެއިރާ އާއި ހުއާން މާޓާއަށް އަނިޔާވެ ބަދަލު ކުރަން ޖެހުނީ ތިން މިނެޓް ތެރޭގަ އެވެ. ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޖެޒީ ލިންގާޑްއަށް އަނިޔާވެ އޭނާވެސް ބަދަލު ކުރަން ޖެހުނެވެ. ކުރިމަތިވި އަނިޔާތަކާއެކު، މެޗު އެއްވަރު ކޮށްލެވުމަކީ، ޝޮލްސަޔާއަށް ހިތްހަމަ ޖެހުމަކަށް ވާނެ އެވެ.

އެހެންނަމަވެސް، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕްއަށް މިއީ އެންމެ ހިތްހަމަޖެހޭ ނަތީޖާއަކަށް ނުވާނެ އެވެ. ސީޒަންގެ ފުރަތަމަ ހާފުގައި އޭނާ ވަނީ، 3-1 ން ޔުނައިޓަޑް ބަލިކޮށްފަ އެވެ. ކުރީގެ ކޯޗް ޖޯޒޭ މޮރީނިއޯއަށް ޔުނައިޓަޑްގެ ވަޒީފާ ގެއްލުނީ އެ މެޗުން ބަލިވުމުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި، ލިވަޕޫލަށްވެސް މައްސަލަ ކުރިމަތިވި އެވެ. އެއީ އެޓީމުގެ ހަމަލާތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ރޮބާޓޯ ފިރުމީނޯއަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުމުންނެވެ.

އެންމެ މުހިންމު ކުޅުންތެރިޔާ މުހައްމަދު ސަލާހްއަށް، ކްލޮޕް ފުރުސަތު ދިނީ މެޗު ނިމެން 12 މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުން ލިވަޕޫލަށް މޮޅު ވެވުނު ނަމަ، 29 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިނގިރޭސި އެންމެ ޓޮޕް ލީގް ހޯދަން ލިވަޕޫލަށް ރަނގަޅު ފުރުސަތަކަށްވީ ހެވެ. ލީގް ތަށި ހޯދަން ބާކީ އޮތް 11 މެޗާ ކުރިމަތިލާއިރު، ފަހަތުގައި ވިއްދާފައި އޮތް މެންޗެސްޓާ ސިޓީގެ ޕްރެޝަރު، މިހާރުމިވީ ގޮތުން މާބޮޑަށް ލިވަޕޫލަށް ކުރިމަތި ވާނެ އެވެ.

ލިބުނު ޕޮއިންޓާއެކު، ލިވަޕޫލް އެއް ވަނައިގައި އޮތީ އެންމެ ޕޮއިންޓެެއްގެ ފަރަގަކާ އެކު އެވެ.