ކުޅިވަރު

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ލިވަޕޫލުން ކުރި ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވާދަކުރި މެޗު ލިވަޕޫލުން 0-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.

މި މެޗު ކުޅުނީ މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑު -- އޯލްޑް ޓްރެފޯޑް ގައެވެ.

މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ލިވަޕޫލުން ގޯލެއް ކާމިޔާބުކުރި ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން އެ ގޯލު ބަލައިގަނެފައެއް ނުވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައިވެ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި ޔުނައިޓެޑްގެ މިޑްފީލްޑަރު ކަސެމީރޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލިވަޕޫލުގެ ލުއިސް ޑިއާޒް ވަނީ ފުރަތަމަ ގޯލު ޖަހާފަ އެވެ. އަދި 42 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ތަނަވަސްކޮށްދިން ފުރުސަތަކުން ޑިއާޒް ވަނީ ދެވަނަ ގޯލުވެސް ޖަހާފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި 52 ވަނަ މިނެޓުގައި ލިވަޕޫލުގެ ތިންވަނަ ގޯލު ޖެހީ މުހައްމަދު ސަލާހު އެވެ.

މި މެޗުގައި ލިވަޕޫލުން ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، ޔުނައިޓެޑަށް މެޗުގައި އެއްވެސް ގޯލެއް ނުޖެހުނެވެ. މި ނަތީޖާއާއެކު ލިވަޕޫލުން ވަނީ މުހިއްމު ތިން ޕޮއިންޓް ހޯދާފަ އެވެ.