ކުޅިވަރު

ސާއިދަށް އަނިޔާ ވެއްޖެ، މިއަދުގެ ރޭސްތަކުގައި ނުދުވާނެ

Jul 8, 2017

އިންޑިއާގެ ބުބަނޭޝަވަރުގައި ކުރިއަށްދާ އޭޝިއާގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަ ކުރަމުން އަންނަ، ދެކުނު އޭޝިއާ ސަރަހައްދުގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދަށް އަނިޔާ ވެއްޖެ އެވެ. އެހެންވެ މިއަދުގެ އިވެންޓްތަކުގައި އޭނާއަށް ނުދުވެ ވޭނެ އެވެ،

ރާއްޖޭގެ އެތުލެޓިކްސް ޓީމާއެކު، އިންޑީއާގައި ހުންނެވި، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ ސާއިދުގެ ފައިގެ ދަށް ފަރާތު ފަލަމަސް ގަނޑަށް އަނިޔާވެފައިވާ ކަމަށެވެ. ސާއިދު ވަނީ ރޭ ބޭއްވި 100 މީޓަރު ފައިނަލުގައި ވާދަ ކޮށްފަ އެވެ.

"ރޭ ގެ ފައިނަލުގައި ވާދަ ކުރިއިރު ވެސް ހުރީ އަނިޔާ ވެފައި، (މިއަދު) މެޑިކަލް ޓެސްޓްތައް ހައްދާފައި ވަނީ، ސާއިދު އަށް މިއަދު ވާދަ އެއް ނުކުރެވޭނެ." ތޮލާލް ވިދާލުވި އެވެ.

މިއަދު ސާއިދު ވާދަ ކުރަން އޮތީ 200 މީޓަރު އިވެންޓްތަކެވެ. ރޭ އަނިޔާގައި ހުރެގެން ދުވި އިރުވެސް ސާއިދު ވަނީ އޭޝިއާގެ ވަރުގަދަ ދުވުންތެރިންނާ ވާދަކޮށް، 100 މީޓަރު ފައިނަލުގެ ހަތަރު ވަނަ ހޯދާފަ އެވެ.

ފިރިހެނުންގެ 100 މީޓަރުން އެއް ވަނަ ހޯދައި، ރަން މެޑަލް ގެންދިޔައީ އިރާންގެ ހަސަން ޓަފްޓިއާން އެވެ. އޭނާ ރޭސް ނިންމީ 10.25 ސިކުންތުންނެވެ. ޓްފްޓިއާން ރަން މެޑަލް ހޯދީ، 2015 ވަނަ އަހަރުގެ މި މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ގަތަރު ފެމީ ސޫން އާ ވާދަ ކޮށްގެން އެވެ. ފެމީ އަށް މިފަހަރު ލިބުނީ ރިހި މެޑަލް އެވެ. އޭނާ ރޭސް ނިންމީ 10.26 ސިކުންތުން ނެވެ.

ތިން ވަނަ ހޯދައި ލޯ މެޑަލް ކާމިޔާބު ކުރީ، 10.31 ސިކުންތުން ރޭސް ނިންމި ޗައިނީޒް ޓައިޕޭގެ ޔަންގް ޗުން އެވެ. ސާއިދު ހަތަރު ވަނައިގައި ނިންމީ، 10.37 ސިކުންތުންވެ.