ކުޅިވަރު

އަމިއްލައަށް ދާން އެދުމުން މާޒިޔާއިން ކޯޑޯޒް ދޫކޮށްލައިފި

Jul 9, 2017

މި ސީޒަންގައި، މާޒިޔާގެ ދިފާއީ ލައިންގައި މޮޅު ކުޅުމެއް ދެއްކި ރޮމޭނީއާގެ އަންދުރެއި ކޯޑޯޒް، އެޓީމު ދޫކޮށްލަން، އަމިއްލައަށް އެދުމުން، މާޒިޔާއިން އޭނާ ދު ކޮށްލައިފި އެވެ.

މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނީ، އޭނާ ޓީމު ދޫކޮށްލަން އެދުނީ އަމިއްލައަށް ކަމަށާއި، އެހެންވެ ކުލަބު މެނޭޖްމެންޓުން އޭނާ ދޫކޮށްލަން ނިންމީ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން މެޗުގައިވެސް އޭނާ ކުޅެފައި ނުވާ ކަމަށާއި، އޭނާ ނުލައިވެސް މާޒިޔާ އުނދަގޫ މެޗުތަކުން މޮޅުވެފައި ވުމުން، ކުރިއަށް ހުރި މެޗުތަކުގައިވެސް އޭނާ ނެތި ކާމިޔާބު ހޯދޭނެ ކަމަށް ސެކްލޮސްކީ ބުންޏެވެ.

އޭއެފްސީ ކަޕްގެ ތެރެއިންވެސް، މާޒިޔާގެ މެނޭޖްމެންޓުން ވަނީ، ކޯޑޯޒް އެދުމަށް، އޭނާ ގައުމަށް ދާން ހުއްދަ ދީފަ އެވެ. އެގޮތުން އޭއެފްސީ ކަޕްގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ލިބުނު ބްރޭކްގެ ފަހުން އޭނާ [ކޯޑޯޒް] ދެ ހަފުތާއަށް ގައުމަށް ދާން ބޭނުން ވުމުން، ޓީމުގެ މެނޭޖުމެންޓުން އޭނާ ހުއްދަ ދިން ކަމަށް ސެކްލޮސްކީ ބުންޏެވެ.

"އަހަރެމެން އޭނާ އަށް ދެ ހަފުތާ އަށް ރަށަށް ދާން ހުއްދަ ދިނިން، އޭނާ އެނބުރި އައިސްވެސް މެނޭޖްމެންޓާ ވާހަކަ ދެއްކި،" ސެކްލޮސްކީ ބުންޏެވެ. "ޓީސީގެ މެޗަށް ފަހުވެސް އޭނާ ބޭނުންވި މެނޭޖަރާ ވާހަކަ ދައްކަން، އެ މެޗަށް ފަހު އޭނާ ވާހަކަ ދެއްކި (ޓީމުން ދޫކޮށް ދިނުމަށް) އެދި، އަހަންނަށް ހީވަނީ، ރޭ އޭނާ ފުރައިފި ހެން."

ސްކޮލޮސްކީ ބުނީ، މިހާރު ނެތް ކުޅުންތެރިޔަކާ ބެހޭގޮތުން އޭނާ ވާހަކަ ދައްކަން ބޭޏުން ނުވާ ކަމަށާއި މިހާރު އޭނާ ސަމާލުކަން ދެނީ ޑިފެންސަށް ކުޅޭ އެހެން ކުޅުންތެރިންނާއެކު އެ މާގާމު ފޫބެއްދުމަށް ކަމަށެވެ.

"އޭނާ [ކޯޑޯޒް] ނެތި އަހަރެމެން ކުރިއަށް އޮތް ތިން މެޗު ކުޅޭނަން، އެމަގާމަށް ކުޅޭ އެހެން ކުޅުންތެރިންނަށް، އެކުލޫންތެރިންގެ ފެންވަރު ސާބިތު ކޮށްދޭން އަހަރެން ފުރުސަތު ދޭނަން، އަހަންނަށް ހުރިހާ ކުޅުންތެރިންނާ މެދުވެސް އިތުބާރު އެބައޮތް،" ސެކްލޮސްކީ ބުންޏެވެ. "ކަލްކަތާގައި މޯހަންބަގާންއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އަހަރެމެން ކުޅުނީ އޭނާ [ކޯޑޯޒް] ނުލައި، އެ މެޗުން އަހަރެމެން މޮޅުވި 1-0 ން، (ފުރަތަމަ ބުރުގައި) ވިކްޓަރީއާ ދެކޮޅަށް ކުޅިނީވެސް އޭނާ ނުލައި އެ މެޗުންވެސް އަހަރެމެން 1-0 މޮޅުވި، މާޒިޔާގެ ކުޅުންތެރިންތިބީ ކުޅެން ތައްޔާރަށް، އެކުޅުންތެރިންނަށް ކުލެން ފުރުސަތު ދިނުން ހައްގުވެގެންވޭ އެހެންވެ އަހަރެން އެހެން ކުޅުންތެރިންނަށް ފުރުސަތު ދޭނަން."

މާޒިޔާގެ އޮފިޝަލަކު ބުނީ ކޯޑޯޒްގެ ބަދަލުގައި ބިދޭސީ އެހެން ޑިފެންޑަރެއް ގެނައުމަށް ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑްގައި މަސައްކަތް ކުރާނެ ކަމަށެވެ.

"ކޯޑޯޒްގެ ކެރިއަރުގައި ކާމިޔާބަށް އެދެން، އަދި އޭނާ މާޒިޔާއަށް ކޮންދިން ކަންތައްތަކަށް ޝުކުރު އަދާ ކުރަން، އޭނާ ނެތްތަން ފޫބެއްދުމަށް ބިދޭސީ އެހެން ޑިފެންޑަރަކަށް މިދަނީ ބަލަމުން ރަނގަޅު ކުޅުންތެރިޔަކު ގެންނާނަން." މާޒިޔާގެ އޮފިޝަލު ބުންޏެވެ. އެވެ.

އަވަސް އެނގިފައިވާ ގޮތުގައި، ރޮމޭނީއާގައި ކޯޑޯޒްގެ ތުއްތު ދެ ދަރިން ތިބެ އެވެ. އެ ދަރިންނާ ދުރުގައި ކޯޑޯޒް ހުންނަން ޖެހުމުން އެ އާއިލާއަށް ދަތިތައް ވަނީ ކުރިމަތި ވެފައެވެ. އެ އާއިލާއިންވެސް އެދެނީ ކޯޑޯޒް ރޮމޭނިއާގެ ލީގްައި ކުޅުމަށެވެ. އޭނާ ވަނީ ރޮމޭނިއާގެ ޒުވްނާ ގައުމީ ޓީމުތަކަށް ކުޅެފަ އެވެ.