ހަބަރު

މަސީހު ބޭރު ކުރެވޭނެ، އެކަން ކުރަން ސާބިތުކަމާއެކު ހުންނާނަން: މުހަންމާ

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ފާސް ކުރެވޭނެ ކަމަށާއި އެކަން ކުރުމަށް އިދިކޮޅު ފަރާތްތަކާއެކު ސާބިތުކަމާއެކު ހުންނާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހަންމަދު އަބްދުﷲ (މުހަންމާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "60 މިނެޓު"އަށް ދެއްވި އިންޓަވިއުއެއްގައި މުހަންމާ ވިދާޅުވީ މިހާތަނަށް ސަރުކާރާއެކު ހުންނެވި އިރު ތަފާތު ގިނަޖެހުންތަކާއި ރައްޔިތުން މާޔޫސްވާ ކަންކަން ދިމާވާ ކަމަށާއި ޕީޕީއެމްގެ ބޮޑެތި ބައްދަލުވުންތަކުގައި އެ ކަންބޮޑުވުންތައް އިސްބޭފުޅުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރު އެއިން އެއްވެސް ކަމެއް ހައްލެއް ނުވާ ކަމަށާއި އަދި މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ވިސްނުން ހުރި ގޮތުން ސަރުކާރާ އެކު ކުރިޔަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މުހަންމާ ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރެވޭނީ މަޖިލީސް ތެރޭ ހުރި މައްސަލަތައް ހައްލުކޮށްގެން ކަމަށާއި އެކަން ކުރުމަށް މަސީހު ބޭރު ކުރުމުގެ މަސައްކަތުގައި ސާބިތުކަމާ އެކު ހުންނާނެ ކަމަށް ވެސް މުހަންމާ ވިދާޅުވި އެވެ.

"އަޅުގަނޑު މިހުރީ ވަރަށް ސާބިތުކަމާ އެކު ރައްޔިތުން އެދޭ ގޮތަށް މި ފަހަރުގެ ވޯޓު ދޭން ނިންމާގެން. ގަރާރުގައި އަޅުގަނޑު ސޮއި ކުރި ފަދައިން މަސީހު ބޭރު ކުރަން ޖަލްސާގައި ވެސް ވޯޓު ދޭނަން،" މުހަންމާ ވިދާޅުވި އެވެ.

މުހަންމާ ވިދާޅުވީ ސަރުކާަރުން ރައްޔިތުން އެދޭ ގޮތަށް މަސައްކަތްކޮށް އިސްލާހު ކުރަން ފަށައިފި ނަމަ ހިޔާލު ބަދަލުވުން އެކަށީގެންވާ ކަމަށާއި ނަމަވެސް ގަރާރުގައި ސޮއި ކުރި ފަހުން ވެސް އެފަދަ ބަދަލެއް ސަރުކާރު ފަރާތުން ފެންނާކަށް ނެތް ކަމަށެވެ. އަދި އެފަދަ ގޮތަށް ކަން ނުހިނގާ ޕީޕީއެމްއިން ވަކިވާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް މުހަންމާ ވިދާޅުވި އެވެ.

މުހަންމާ މިވަގުތު ހުންނެވީ ސްރީލަންކާގަ އެވެ. އަދި އެމަނިކުފާނު ވަނީ މިހާރު ސްރީލަންކާގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވާފަ އެވެ.