ކުޅިވަރު

ޕޮއިންޓްގެ ގޮތުން މާޒިޔާއާ އެއްވަރުކޮށް ނިއު ދިވެހި ލީގަށް

Jul 9, 2017

ވާދަ ވެރި ވިކްޓަރީ އަތުން އެއްވަރުވުމުން، ޕޮއިންޓްގެ ގޮތުން މާޒިޔާއާ އެއްވަރު ކޮށް، ނިއުރޭޑިއަންޓުން، ދިވެހި ޕްރިމިއާ ލީގް ޖާގައެއް ކަށަވަރު ކޮށްފި އެވެ. ވިކްޓަރީ އާ ނިއުގެ މެޗު އެއްވަރުވީ، 1-1 ން ނެވެ.

މި ދެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިއުއިން ކާމިޔާބު ކުރީ 3-1 ނެ ނެވެ. އޭރު އޮތް ހާލަތަށް ބަލާއިރު ނިއުގެ ކޯޗް ވަނީ ބަދަލުވެފަ އެވެ. މިއީ ސްޕެއިންގެ އޮސްކާ ބުރުޒޮން ނިއުއާ ހަވާލުވެ ކުޅުނު ދެ ވަނަ މެޗެވެ. އޭރު، ލީގް ފެށެން ކުޑަ ދުވަސް ކޮޅެއްވެފައި އޮއްވައި، ސުޒޭން، ވިކްޓަރީއާ ހަވާލުވެ، ކުޅުނު ދެ ވަނަ މެޗަކީ ނިއު އާ ދެކޮޅަށް ކުޅުނު މެޗެވެ.

އޭރު ސުޒޭން ބުނީ އެޓީމު އޭނާ ބޭނުންވި ގޮތަށް އަނބުރާލުމަށް ވަގުތު ބޭޏުންވާ ކަމަށެވެ. ފަހުން އޭނާ ވަނީ ނަތީޖާތައް ރަނގަޅުކޮށްފަ އެވެ. ހާއްސަކޮށް ދެ ވަނަ ބުރުގައި ފޯމަކަށް އެޅި، ފުރަތަމަ ބުރުގައި އެ ޓީމު ބަލި ކުރި، މާޒިޔާ އާއި ގްރީންސްޓްރީޓްގެ މައްޗަށް ދެ ވަނަ ބުރުގައި މޮޅެއް ހޯދި އެވެ.

ވިކްޓަރީއަށް މަލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، ނިއުގެ މެޗަށް ނިކުތުމުގެ ކުރިން ސުޒޭން ބުނެފައި ވަނީ، މާލީ ގޮތުން އޮތް ހާލަތު ބަދަލު ވަމުން އައިސް ކުޅުންތެރިން މޯޓީވޭޓް ވެފައިވާ ކަމަށެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ، ނިއު އިން ނެވެ. ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި އެޓީމަށް ލީޑް ނަގައިދިނީ، ސްޕެއިންގެ ފޯވަޑް އެޑްރިއަން ގަލާޑޯ އެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނެޓްގައި، ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސާ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީ، ޕޮއިންޓެއް ހޯދައިދީފަ އެވެ. މެޗުގެ 89 ވަނަ މިނެޓްގައި ވިކްޓަރީގެ ރިލްވާން ވަހީދު (ކަކާ ރިލޭ) އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕް) އަށް ކުރި ފައުލަކާ ގުޅިގެން ނެވެ.

މެޗުން ހޯދި ޕޮއިންޓާއެކު ނިއު އަށް ވަނީ 25 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާއަށް ވެސް ވަނީ ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް، މާޒިޔާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުން ކުރީގައި އޮތުމުން ނެވެ. މާޒިޔާއަށް ފައިދާ 11 ލަނޑު އެބައޮތެވެ، ނިއު އަށް އޮތީ ފައިދާ ހަ ލަނޑެވެ. ވިކްޓަރީ ވަނީ 19 ޕޮއިންޓް ހޯދާފަ އެވެ.