ދެހާހުގެ ކުރީކޮޅު ނިކުތް ސަލްމާން ޚާންގެ ގިނަ ފިލްމުތައް ފްލޮޕްވެ އޭނާގެ ކެރިއަރު އޮތީ ވަޅުޖެހިފަ އެވެ. ސަލްމާންގެ ކެރިއަރު އަލުން ކޮޅަށް ޖަހައިދިން ފިލްމަކީ 2009 ވަނަ އަހަރު ޕްރާބޫދޭވާ ޑައިރެކްޓް ކޮށްގެން ނެރުނު "ވޯންޓެޑް" އެވެ.
ތެލުގު ފިލްމު ޕޮކިރީގެ ހިންދީ ރީމޭކް ގޮތުގައި އުފެއްދި ފިލްމު އެ ފިލްްމަކީ ސަލްމާންގެ ކެރިއަރު އަނބުރާލަން ލިބުނު އެންމެ ބޮޑު އެއް ފުރުސަތެވެ.
އެ ފިލްމުގެ ކާމިޔާބީ އަށް ސަލްމާން ވަނީ އެކްޝަން ހީރޯއެއްގެ ގޮތުގަައި ވިދާލާފަ އެވެ. އޭގެ ފަހުން ގިނަ ކާމިޔާބު ފިލްމުތަކެއް ސަލްމާން ވަނީ ކުޅެފަ އެވެ.
އަހަރުތަކެއް ފަހުން ސަލްމާން އަނެއްކާ ވެސް ޕްރަބޫދޭވާ ޑައިރެކްޓްކުރާ ފިލްމަކުން ފެނިގެންދާނެ އެވެ. ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާންގެ އުފައްދަން ފެށި ސިލްސިލާ ފިލްމު "ދަބަންގް" ގެ ތިން ވަނަ ފިލްމު، "ދަބަންގް 3" ގެ ޑައިރެކްޓަރަކީ ޕްރަބޫދޭވާ އެވެ.
ޗުލްބުލް ޕާންޑޭގެ ރޯލުން އެނބުރި ސަލްމާން "ދަބަންގް 3" އާ އެކު އެނބުރި އަންނަން ތައްޔާރުވަމުން އަންނައިރު ޕްރަބޫދޭވާ މި ފިލްމު ޑައިރެކްޓްކުރާތީ ކުރީ ދެ ފިލްމަށް ވުރެން މި ފިލްމު ތަފާތު ވާނެ ކަމަށް އަންނަނީ ބުނެވެމުންނެވެ.
މި ފިލްމު ޑައިރެކްޓްކުރާކަން ޔަގީންކޮށްދެމުން ޕްރަބޫދޭވާ ވަނީ ސަލްމާނަށް އެއްވެސް މީހަކު ނޫނެކޭ ނުބުނާނެ ކަމަށާއި ސަލްމާން ބުނަ ކޮންމެ ފިލްމެއްގައި އޭނާ މަސައްކަތްކުރާނެ ކަމަށެވެ.
"ދަބަންގް 3" އުފައްދަން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ ވަރަށް ދުވަސްވެފައިވާއިރު، މި ފިލްމު އުފައްދާކަން ޔަގީންކޮށްދުނީ ހުދު ސަލްމާނެވެ.
މި ފިލްމުގައި ސަލްމާނާއެކު ފެނިގެންދާނެ ބަތަލާ އަދި ޔަގީންވެފައިނުވާއިރު ކުރީ ދެ ފިލްމުގައި ފެނިގެންދިޔަ ބަތަލާ ސޮނާކްޝީ ސިންހާ މި ފިލްމުގައި ފެނިގެންދާނެކަން ނުވަތަ ނޫންކަން އަދި ޔަގީނެއްނުވެ އެވެ. ސަލްމާނާ އެކު ދެ ބަތަލާއެއް މި ފިލްމުގައި ފެނިގެންދާނެ ކަމުގެ އަޑުތަކެއް ވެސް މީގެކުރިން ވަނީ އަރާފަ އެވެ.
މި ސިލްްސިލާގެ ކުރީ ދެ ފިލްމަށް ބްލޮކްބާސްޓާގެ ދަރަޖަ ލިބިފައިވާއިރު، ފުރަތަމަ ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަބިނަވް ކަޝްޔަޕް އެވެ. ނަމަވެސް ސަލްމާން އަދި އަރްބާޒް އާ އޭނާ އާ ދެމެދު ޖެހުނު މައްސަލައިގައި ދެވަނަ ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަރްބާޒް އެވެ.