މާލޭ ލީގްގައި، މާޒިޔާގެ ފުރަތަމަ ޓާގެޓް، "ދިވެހި ޕްރިމިއާ ލީގު ޖާގަ" ހާސިލުވުމުން، މިހާރު ހުރިހާ ސަމާލު ކަމެއް ގެންގުޅެނީ މާލޭ ލީގް ޗެމްޕިއަންކަން ހޯދުމަށް ކަމަށް، ތާވަލުގެ އެއް ވަނަ އިގައި އޮތް މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނެފި އެވެ.
މާލޭ ލީގްގައި، މިއަދު މާޒިޔާ ނިކުންނާނީ ވެލެންސިއާ ދެކޮޅަށެވެ. ސެކްލޮސްކީ ބުނީ، ކުރިއަށް އޮތް ތިން މެޗާ މެދު، މާޒިޔާއިން ވިސްނާނީ މެޗަކަށް ފަހު މެޗަކުން ކަމަށާއި އެ ތިން މެޗުގެ ނަތީޖާތައް މާލޭ ލީގްގެ ތަށި ހޯދަން ފުދޭ ކަމަށެވެ.
"ކުރިއަށް މިއޮތީ ތިން މެޗު، މި ތިން މެޗަށް މެޗަކަށް މެޗަކުން ސަމާލުކަން ދީގެން ކުރިއަށް ދާންވީ، ފުރަތަމަ ޓާގެޓަކީ ވެލެންސިއާ،"
މާޒިޔާގެ ފަހަތުން، ތާވަލުގެ ދެ ވަނައިގައި އޮތް، ނިއުރޭޑިއަންޓް އިއްޔަ ވިކްޓަރީ އަތުން އެރުވުމުން، ތާވަލުގެ އެއް ވަނަ އަށް ނޭރުނު ކަމުގައި ވިޔަސް، ނިއު އިން ވަނީ މާޒިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ނަމަވެސް މިއަދު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، މާޒިޔާއަށް ނިއު އާ ދެ ޕޮއިންޓަށް ފަރަގު ބޮޑު ކުރެވޭނެ އެވެ.
ލީގްގައި އެންމެ ފަހުން އޮތީ، މާޒިޔާ އާއި ނިއުގެ މެޗެވެ. ލީގް ޗެމްޕިއަން ކަނޑައެޅިގެންދާ މެޗަކީ، އެއީތޯ ސުވާލު ކުރުމުން، ސެކްލޮސްކީ ބުނީ ކުރިއަށް އޮތް ތިން މެޗުން ނަތީޖާތައް އަންނަ ގޮތުން، އެހެން ވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށާއި އަދި ނަތީޖާތައް އަންނަ ގޮތުން އެގޮތް ބަދަލު ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
"ފަހަރެއްގަ އެ މެޗު ވެދާނެ ލީގް ކަނޑައަޅާ މެޗަކަށް، ފަހަރެއްގަ (އެހެން) ނުވެސް ވެދާނެ،" ސެކޮލޮސްކީ ބުންޏެވެ. އެކަމަކު އަހަރެން މި ބުނަނީ، އަހަރެމެން މިހާރު މި ވިސްނަނީ ވެލެންސިއާ މެދު އެއަށްފަހު ގްރީން ސްޓްރީޓާ މެދު އެއަށްފަހު އަހަރެމެން ވިސްނާނީ ނިއުރޭޑިއަންޓް މެޗާ މެދު."
ސެކްލޮސްކީ ބުނީ ވެލެންސިއާގައި ހުނަރުވެރި ކުލުންތެރިންތަކެއް އެބައޮތް ކަމަށާއި އެ ޓީމާ ދެމެދަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ވެލެންސިއާގެ ކޯޗް އަހްމަދު މުޖުތޮބާ (ފެސްކޯ) ބުނީ، ވެލެންސިއާ އަމާޒު މިހާރު ބަދަލުވެފައިވާ ކަމަށާއި މިހާރު އެންމެ ބޮޑު ސާމަލު ކަމެއް ހުރީ އާ ކުޅުންތެރިންނަށް ފުރުސަތު ދީ އެކުޅުންތެރިން ތައްޔާރު ކުރުމަށް ކަމަށެވެ.
"ސީޒަން ފެށި އިރު އަޅުގަނޑުމެންގެ ސްޓްރައިކިން ފޯސްގެ ހިމެނޭ ކުޅުންތެރިން އަޅުގަނޑުމެންނަށް ގެއްލިޖެ އެހެންވެ އާ ކުޅުންތެރިންނަށް ފުރުސަތު ދީ އެ ކުޅުންތެރިން އެ ފުރުސަތު ދެމުން ދަނީ، އޭގެ ނަތީޖާ ވެސް ދަނީ ފެންނަމުން." ފެސްކޯ ބުންޏެވެ.