ކުޅިވަރު

އީގަލްސް މެޗަކީ ޓީސީއަށް ފައިނަލެއް

Jul 9, 2017
1

ގަދަ ހަތަރެއްގެ ވާހަކަ ޓީސީއަށް ދެއްކޭނީ ކުރިއަށް ތިން މެޗު ނަގައިގެން ކަމަށާއި، އެ ތިން މެޗުގެ ތެރެއިން، އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަކީ، ޓީސީއަށް ފައިނަލެއް ކަމަށް، ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

އީގަލްސް އާއި ޓީސީ ކުޅޭ މެޗު އޮންނާނީ މިރޭ ނުވައެއް ޖާއިރު އެވެ. ނިޒާމް ބުނީ ގަދަ ހަތަރެއްގެ ބާކީ ދެ ޖާގައަށް ވާދަ ކުރަމުން އަންނަ، ހަތަރު ޓީމެކޭ އެއްގޮތަށް ޓީސީއަށްވެސް ޕޮއިންޓްގެ ގޮތުން އެއްވަރެއްގެ ފުރުސަތު ތަކެއް އެބައޮތް ކަމަށެވެ.

"ކަލްކިއުލޭޝަން [ހިސާބު ތަކެއް] ހަދާއިރު ޓީސީއަށް ވެސް މިއޮތީ އެއްވަރެއްގެ ފުރުސަތުތަކެއް، ޕޮއިންޓުން ޓީސީއަށްވެސް އެބައޮތް ގަދަ ހަތަރެއް ކަށަވަރު ކޮށް، ޕްރިމިއާ ލީގަށް ކޮލިފައި ވުމުގެ ޗާންސް،" ނިޒާމް ބުންޏެވެ. އޭނާ ބުނީ، މިހާރު ޕޮއިންޓް ޓޭބަލުގައި އޮތް ހިސާބުން، ފުރަތަމަ ޑިވިޝަންގައި ޓީސީ ނުވެއްޓޭ ހިސާބަށް ވެއްޓިޖެ ކަމަށާއި އެކަމުން އަރައިގަންނަން ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

"މިހާ ހިސާބަށް އައިރު، ޓީސީ މި ސީޒަންގައި ބައެއް އެހެން ކަންކަން ރަނގަޅު ވެފަ ހުރީ، ދެން ޕޮއިންޓް ޓޭބަލަށް ބަޅާއިރު ޓީސީ މި ލެވަލްގައި ނުވެއްޓޭ ހިސާބަށް ވެއްޓިފައި މިއޮތީ މިހާރު ދެން އޮތް ކަމަކީ މިހާހިސާބުން އަރައިގަތުން އެބަހުރި ވަރަށް ބައިވަރު ފެކްޓާސް ތަކެއް ދެން އެކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭނީ، ނަމަވެސް އެންމެ މުހިންމު ކަމަކީ އީގަލްސް މެޗު."

ފުރަތަމަ ބުރުގައި ޓީސީ ވަނީ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ. ނިޒާމް ބުނީ ފުރަތަމަ ބުރުގެ މެޗާ މިހާރުގެ މެޗާ އަޅާވެސް ނުކިޔޭނެ ކަމަށެވެ. "އެއްގޮތަކަށްވެސް ކަލްކިއުލޭޝަނެއް ހަދާކަށް ނުވާނެ ކަންނޭންގެ ކުރީގެ މެޗުން އެ [މެޗަށް] ބޭސް ކޮށްގެނެއް، ދެން ވަރަށް ތަފާތު ސިޓްއޭޝަނެއްގައި ކުޅޭ ތަފާތު މެޗެއް އަނެއްކާވެސް ފައިނަލަކަށް މި ނިކުންނަކީ އެއީ ކަންނޭގެ މި ވިސްނަން ޖެހޭ ކަމަކީ." ނިޒާމް ބުންޏެވެ. އޭނާ ބުނީ ފައިނަލެއް ކަމަށް ދެކިގެން ނިކުތް ނަމަވެސް، ޓީސީގެ ކުޅުންތެރިންނަށް ޕްރެޝަރެއް ނެތް ކަމަށެވެ.