ވިޔަފާރި

އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީ ސިންގަޕޫރު އެއާލައިނާ ގުޅިއްޖެ

  • ޓިކެޓު ގަނަންނަން އިނާޔަތްތަކެއް
  • ރިސޯޓުތަކުން ހާއްސަ ކަމެއް ދޭނެ
  • މި ހަރަކާތުގައި 16 ރިސޯޓެއް ހިމެނޭ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސިންގަޕޫރު އެއާލައިނާ ގުޅިގެން ކޮރެއާ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ ސިންގަޕޫރު އެއާލައިންސް އާއި ގުޅިގެން ފަށާގައިވާ ހަރަކާތްތަކުގެ ތެރެއިން ސިންގަޕޫރު އެއާލައިންސްގެ ވެބްސައިޓުން ޓިކެޓު ބުކިން ހައްދައި އަދި ގަންނަ ފަރާތްކަށް ހާއްސަ ބެނެފިޓް ތަކެއް ލިބިގެންދާނެ އެވެ. މިގޮތުން މި ހަރަކާތް ކުރިއަށް ގެންދަނީ އަންނަ މަހުގެ ނިޔަލަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި ޕްރޮމޯޝަން މި ހަރަކާތްތަކުގެ ރާއްޖޭގެ 16 ރިސޯޓެއް ބައިވެރިވާނެ އެވެ. މި ހަރަކާތުގައި ބައިވެރިވާ ރިސޯޓުތަކުގެ ތެރޭގައި އަމާޔާ ކުޑަހުރާ އާއި އަންސާނާ އިހުރު އަދި ބެންޔަންޓްރީ ވައްބިންފަރުގެ އިތުރުން އަންސާނާ ވެލަވަރު ހިމެނެއެވެ. މީގެ އިތުރުން ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ގިލި ލަންކަންފުށި އަދި ކަނޑިންމަ މޯލްޑިވްސް އާއި މިރިހި އައިލެންޑް ރިސޯޓުގެ އިތުރުން އޮޅުވެރި ބީޗް ރިސޯޓު އެންޑް ސްޕާ އާއި ޕެރަޑައިސް އައިލެންޑް ރިސޯޓު އަދި ޝަންގްރިއްލާ ރިސޯޓުގެ އިތުރުން ސަން އަކުވާ ވިލުރީފާއި ސަން އައިލެންޑް ރިސޯޓު ހިމެނެ އެވެ.

މި ޕްރޮމޯޝަން ހަރަކާތްތަކުގެ ތެރެއިން ސިންގަޕޫރު އެއާލައިންސްގެ ސައިޓުން ޓިކެޓު ގަންނަ ޓޫރިސްޓުންނަށް މި ރިސޯޓުތަކުން ހާއްސަ އިނާޔަތްތަކެއް ލިބޭނެ އެވެ.

ކޮރެއާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 މާކެޓުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެ ގައުމުން މިދިޔަ އަހަރު 29،580 މީހުން ޒިޔާރަތް ކުރިއެވެ. އަދި މި އަހަރުގެ މެއި މަހުގެ ނިޔަލަށް ކޮރެއާ އިން 12،750 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.