ކުޅިވަރު

މެޗު އެއްވަރުވެ ޓީސީއަށް ފުރުސަތު ހަނި ވެއްޖެ

Jul 10, 2017
1

އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ، މާލޭ ލީގްގެ ގަދަ ހަތަރެއްގެ ޖާގަ ހޯދުމުގެ ފުރުސަތު ޓީސީއަށް ހަނިވެއްޖެ އެވެ. މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.

މެޗު އެއްވަރު ވުމުން، ލިބުނު ޕޮއިންޓާއެކު، އީގަލްސް ވަނީ ތިން ވަނަ އަށް ޖެހިލާފަ އެވެ. މެޗުގެ ފަހު ކަށިގަނޑާ ހަމައަށް، ތާވަލުގެ ތިން ވަނައިގައި އޮތީ ގްރީންސްޓްރީޓެވެ. ގްރީން އާއީ އީގަލްސްއަށް ވެސް ލިބިފައިވަނީ 21 ޕޮއިންޓެވެ. ނަމަވެސް، ގްރީން އަށް ވުރެ އެއް ގޯލް ތަފާތުން ކުރީގައި އޮތުމުން، ތިން ވަނަ މަގާމު އީގަލްސްއަށް ލިބެ އެވެ.

ޓީސީ އޮތީ 16 ޕޮއިންޓާއެކު، ތާވަލުގެ ހަ ވަނައިގަ އެވެ. އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް ބުނީ އަދިވެސް ހިސާބުތައް ހަދާލާއިރު ޓީސީއަށް ފުރުސަތެއް އެބައޮތް ކަމަށެވެ.

"އަދިވެސް ކަލްކިއުލޭޝަންގައި ޓީސީ އަށް އެބައޮތް ގޮތްކެއް، ގްރީން ދެން އިން ދެމެޗުން ބަލިވެ، ވިކްޓަރީ މެޗެއް ގެއްލުވާލާފަ، ޓީސީ ދެން އިން ދެ މެޗު ނެގީމަ، އެ ކަލްކިއުލޭޝަންގައި އެބައިން ހަމަ [ފުރުސަތެއް]،" ނިޒާމް ބުންޏެވެ.

މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ވެފަ އެވެ. އެންމެ ފަހި ފުރުސަތެއް ލިބުނީ، އީގަލްސްގެ މުހައްމަދު ނާއިމް އަށެވެ. ދެ ވަނަ ހާފުގައި، އީގަލްސްގެ އަހްމަދު ރިޒްވާން ތަނަވަސް ކޮށްދިން ބޯޅައެއް، ޓީސީގެ ގޯލް ކުރިމަތީގައި ހުރެފައި ނާއީމް އަށް ރަނގަޅަށް ބޯޅަ ފޮނުވާ ނުލެވުމުން މަޑުމަޑުން ގޮސް އެބޯޅަ ލިބުނީ ޓީސީގެ ކީޕަރު ކިރަން ށެވެ.

މެޗުގެ 76 ވަނަ މިނެޓްގައި ވެސް ނާއިމް އަށް ވަނީ ފުރުސަތެއް ލިފަ އެވެ. ޓީސީގެ ބިދޭސީ ޑިފެންޑަރަށް ހެދުނު މިސްޓެކެއްގައި ލިބުނު ބޯޅައިގައި ހުރަހަކަށް ހުރީ ޓީސީގެ ކީޕަރު ކިރަން އެވެ. ކިރަން ބޯޅަ ދިފާއު ކުރަން ކުރިއަށް ނިކުތުމުން، ނާއިމްއަށް ބޯޅައިގެ ކޮންޓްރޯލް ގެއްލި ބޯޅަ ބޭރުވީ އެވެ.

މެޗުގެ ފަހު 10 މިނެޓްގައި ޓީސީއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ވެފަ އެވެ. ޓީސީގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ޕެނަލްޓީ އޭރިއާ ތެރޭގައި ހުރފައި ފޮނުވާލި ބޯޅަ، އަހްމަދު ޒާދު ދިފާއު ކުރީ ގޯލް ލައިން މަތިން ކަހަލަ ގޮތަކަށެވެ.

އޭގެ ފަހުން ކައުންޓަ އެޓޭކްގައި ސްޓެވާޓަށް ލިބުނު ބޯޅަ އީގަލްސްގެ ކީޕަރު ސުޖަން ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ. މަހްދީއަށް ވެސް ވަނީ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އޭނާ ފޮނުވާލި ބޯޅަ، ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިން ނެވެ.