އެސްޓީއޯ މާލޭ ލީގުގައި އިއްޔެ ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ފުލުގައި އޮތް ކްލަބް ވެލެންސިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، މެޗުގައި ދިމާވި ހަމައެކަނި މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުން މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮވްސްކީ ބުނެފި އެވެ.
މި މެޗުން މޮޅުވި ނަމަ ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާގެ ލީޑު ތިން ޕޮއިންޓަށް ފުޅާވާނެ އެވެ. އެކަމަކު މި ނަތީޖާއާއެކު، ތާވަލްގެ ދެވަނައިގައި އޮތް ނިއު ރޭޑިއަންޓްގެ މައްޗަށް މާޒިޔާ އަށް ލިބިފައިވަނީ އެއް ޕޮއިންޓްގެ ލީޑެެކެވެ. ލީގުގައި ބާކީ ކޮންމެ ކްލަބަކަށް ވެސް އޮތީ ދެ މެޗެވެ.
މެޗަށް ފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮވްސްކީ ބުނީ މެޗުން މޮޅުވުމަށް މާޒިޔާގެ ކުޅުންތެރިން މަސއްކަތްކުރި ކަމަށެވެ. އެކަމަކު ކުޅުންތެރިންނަށް ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު، މާޒިޔާގެ ހުރަހަކަށްވީ ގޯލްކީޕަރު ފައިސަލް ކަމަށެވެ.
"ވެލެންސިއާ ކީޕަރު ވަރަށް ރަނގަޅު ސޭވްތަކެއް ކުރި. މިއަދުގެ މޭން އޮފް ދެ މަޗަކީ ކީޕަރު،" ސެކުލޮވްސްކީ ބުންޏެވެ." އަހަރަމެންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނީ. ބޭނުން ހިފުނު ނަމަ މި ކަހަލަ ނަތީޖާއެއް ނުނިކުންނާނެ."
މެޗުގެ ފުރަަތަމަ މިނިޓުގެ ތެރޭގައި ފުރަތަމަ ހަމަލާ ފޮނުވާލީ ވެލެންސިއާގެ ނައިޖީރިއާ ފޯވަޑް އޮމަދޫ ވެސްޓެވެ. އޭރިޔާ ބޭރުން އޮމަދޫ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ 25 ވަނަ މިނިޓުގައި މާޒިޔާގެ ސަމޫހް އަލީ (ސަމުއްޓޭ) ނެގި ހުރަހަކުން ސާބިއާގެ ފޯވަޑް އެލެކްޒަންޑާ ރަކިޗް ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފަ އެވެ.
ދެވަނަ ހާފުގައި ވެސް މާޒިޔާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މުހައްމަދު އުމެއިރާއި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ފޮނުވާލި ހަމަލާތައް ފައިސަލް ދިފާއުކުރިއިރު، ދެ ތިން ހަމަލާއެއްގޯލާ އަމާޒުކޮށްލެވޭ ގޮތެއްނުވި އެވެ.
މި މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް، ތިން ޕޮއިންޓާއެކު ވެލެންސިއާ އޮތީ ތާވަލްގެ ފުލުގަ އެވެ.
ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މެޗުން ޕޮއިންޓެއް ލިބުނީ ރޭވުންތެރިކަމާއެކު ކުޅުންތެރިން ކުރި މަސައްކަތުން ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންނަށް އޭނާ ތައުރީފްކުރި އެވެ.