ކުޅިވަރު

10000 މީޓަރުގެ 28 އަހަރުވީ ރެކޯޑް ފަޒީލް މުގުރާލައިފި

Jul 10, 2017
1

ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސައިން ހަލީމު މީގެ 28 އަހަރު ކުރިން، ހެދި 10000 މީޓަރުގެ ގައުމީ ރެކޯޑް، ހުސައިން ފަޒީލް ހާރޫން މުގުރާލައިފި އެވެ.

އިންޑިއާގެ ބުބަނޭޝްވަރުގައި، ރޭ ނިމިގެން ދިޔަ، އޭޝިއާގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަ ކޮށް، ފަޒީލް ރޭސް ނިންމީ 34:21 ސިކުތުންނެވެ. ހުސައިން މި ރެކޯޑް ގާއިމު ކުރީ، 1989 ވަނަ އަހަރު ޕާކިސްތާންގެ އިސްލާމް އާބާދުގައި ކުރިއަށް ގެންދިޔަ، ސާފް ގޭމްސްގައި ވާދަ ކޮށެވެ. ހުސައިން ރޭސް ނިންމީ 34:33 ސިކުތުން ނެވެ.

ފަޒީލް ވާދަ ކުރި ރޭހުން އެއް ވަނަ ހޯދީ، ޖީ ލަކްޝްމަން އެވެ. އޭނާ ރޭސް ނިންމީ 29:55 ސިކުތުން ނެވެ. ފަޒީލް ރޭސް ނިންމީ، ނުވަ ވަނައިގަ އެވެ. މި ރޭހުގައި ރާއްޖޭގެ ޒައިދު ޝަރީފް ވެސް ވަނީ، ވާދަ ކޮށްފަ އެވެ. އޭނާ އަށް ލިބުނީ ރޭހުގެ 11 ވަނަ އެވެ. އޭނާ ރޭސް ނިންމީ 35:15 ސިކުންތުން ނެވެ.

ފަޒީލަށް އެންމެ ފުރަތަމަ ކޯޗް ކޮށްދިނީ ކުޑަ ހުސައިން ނެވެ. ކުޑަ ހުސައިން އަށް އޭނާ ފާހަގަވީ، ދިރާގު ރޯޑު ރޭހުން ނެވެ. އޭގެ ފަހުން ފަޒީލު ވަނީ ކުޑަ ހުސައިންގެ ކޯޗް ކަމުގެ ދަށުން ޕްރޮފިޝަނަލް ދުވާ ރޭސްތަކަށް ނިކުމެފަ އެވެ. އޭޝިއަން ޗެމްޕިއަންޝިޕްގެ ކުރިން، ފަޒީލު ޓްރެއިނިންތައް ފުރިހަމަ ކުރަމުން ދިޔައީ މޮރަކޯގަ އެވެ. ކުޑަ ހުސައިން ހަދާފައިވާ ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑްވެސް މުގުރާލީ ފަޒީލެވެ. އޭނާ އެ ރެކޯޑް މުގުރާލީ މިދިޔަ އަހަރު ބޭއްވީ ދިރާގު ރޯޑް ރޭހުގަ އެވެ.

ކުޑަ ހުސައިން ވަނީ، އޭނާގެ ރެކޯޑް މުގުރާލުމުން، ފަޒީލަށް މަރުހަބާ ކިޔާފަ އެވެ. ކުޑ ހުސައިންގެ ރެކޯޑްގެ ތެރެއިން މިހާރު މުގުރާ ނުލެވި އޮތީ، 1988 ވަނަ އަހަރު، ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ހުސައިން ހެދި 20 ކިލޯމީޓަރުގެ ރެކޯޑެވެ. 1:11.33 ސިކުންތުން ނެވެ.