ނިއު ރޭޑިއަންޓްގެ ކޯޗުގެ މަގާމުގައި އެއް މަސް ދުވަސް ހޭދަކުރުމަށް ފަހު، އެ މަގާމުން ބޮސްނިއާގެ ކޯޗު އާމިރު އަލަޖިކް އިސްތިއުފާ ދީފައިވާ ކަމަށް އެ ކްލަބުން ރޭ ބުނެފި އެވެ.
މިދިޔަ މަހު ނިއުގެ ކޯޗުކަމާ ހަވާލުވި އާމިރު މަގާމުން އިސްތިއުފާ ދިނީ އާއިލީ ސަބަބުތަކާހެދި ކަމަށް ނިއު އިން ވަނީ ރޭ ބުނެފަ އެވެ.
މިދިޔަ މަހު ނިއުގެ ކޯޗުކަމާ ހަވާލުވި އާމިރުގެ އިރުޝާދުގެ ދަށުން ނިއު އޭއެފްސީ ކަޕްގައި މިޔަންމާގެ އަޔެވާދީ ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި ބަލިވިއިރު، މައިލޯ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ވެސް ނިއު ވަނީ ބަލިވެފަ އެވެ.
އޭއެފްސީ ކަޕްގައި ބުދަ ދުވަހު އަޔެވާދީއާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް ނިއު ރޭ ފުރިއިރު، އެ މެޗުގައި އެ ޓީމަށް އިރުޝާދު ދޭނީ އެސިސްޓަންޓް ކޯޗު ސޮބާހު މުހައްމަދެވެ. ނިއުގެ ކޯޗަކަށް ސީޒަން ފެށުނުއިރު ހުރި ފިންލެންޑްގެ މިކާ ލޮންސްޓްރޮމް މަގާމުން ވަކިކުރުމުން، އޭއެފްސީ ކަޕްގައި އަމިއްލަ ދަނޑުގައި ލާއޮސްގެ ލާއޯ އެފްސީއާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި ވެސް އެ ޓީމަށް އިރުޝާދު ދިނީ ސޮބާހު އެވެ. އެ މެޗުން ނިއު ވަނީ މޮޅުވެފަ އެވެ.
އާމިރަކީ ތިން އަހަރުގެ ތެރޭގައި ނިއު ކޯޗުކަމާ ހަވާލުވި ފަސް ވަނަ ކޯޗެވެ. މިދިޔަ އަހަރު ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ނިއު އަށް ކާމިޔާބުކޮށްދިން މިކާ އެ ކްލަބުން ވަކިކުރީ ޕީޕަލްސް ކަޕާއި އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގެ ނަތީޖާ ދަށްވުމުންނެވެ.
އާއިލީ ސަބަބުތަކާހެދި އާމިރު މަގާމުން އިސްތިއުފާ ދިން ކަމަށް ނިއު އިން ބުނި ނަމަވެސް، އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އާމިރާޢި ނިއުގެ ބައެއް ކުޅުންތެރިންނާދެމެދު ވަނީ މައްސަލަ އުފެދިފަ އެވެ. އާމިރާމެދު ބައެއް ކުޅުންތެރިން ހިތްހަމަނުޖެހޭއިރު، ޗެރިޓީ ޝީލްޑް މެޗުގެ ފުރަަމަ ހާފުގައި ނިއުގެ ތަޖުރިބާކާރު ފޯވަޑް އިބްރާހިމް ފަޒީލް (އޮއްޕޮޮ) ވަނީ އާމިރު ބުނި އެއްޗަކާމެދު ހިތްހަމަނުޖެހިގެން، ދަނޑުން ފައިބައިފަ އެވެ.
ޗެރިޓީ ޝީލްޑް މެޗުގެ ކުރިން ނިއުގެ ކުޅުންތެރިންނަށް އާމިރު ވަނީ ފާޑުކިޔައިފަ އެވެ.
އަލަޖިކް ވަނީ އޭޝިއާ ސަރަހަައްދުގައި ކޯޗެއްގެ ގޮތުގއަި ގިނަ ތަޖުރިބާތައް ހޯދައިފަ އެވެ. އެގޮތުން ބުރުނާއީގެ އެންމެ މަޝްހޫރު ކްލަބު ކަމަށްވާ ޑީޕީއެމްއެމް އަށް ކޯޗުކޮށްދިނުމަށް ފަހު، އޭނާ ވަނީ ބުރުނާއީގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. މީގެ އިތުރުން އިންޑިއާގެ އީސްޓް ބެންގާލް އާއި އޮމާންގެ ސޮހާރު އަދި ކުވޭތުގެ އަލް ނަސްރު އަށް ވެސް އަލަޖިކް ވަނީ ކޯޗުކޮށްދީފަ އެވެ.
އަލަޖިކް ވަނީ ބޮސްނިއާގެ 19 އަހަރުން ދަށުގެ ޓީމާއި ޖަރުމަންގެ މަޝްހޫރު ކްލަބެއް ކަމަށްވާ ވާޑާ ބްރޭމަންގައި ވެސް މަސައްކަތްކޮށްފަ އެވެ.