ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ސިއްހީ ނިޒާމް ވަނީ ފާލުން ނެއްޓިފައިވާ ކަމަށާއި އަދިވެސް އެ އަޑިގަނޑުން އަރައިގަތުމުގެ މަސައްކަތް ސަރުކާރުން ކެޑިނޭޅި ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މިއަދު ވިދާޅުވީ ސިއްހީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މި ސަރުކާރުން ވަރަށް ބޮޑު ހޭދަ ކޮށްފައިވާ ކަމަށާއި އައިޖީއެމްއެޗަށް 200 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ހަރަދުކޮށް ފެންވަރު ރަނގަޅު ހޮސްޕިޓަލް އަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގެ ތެރޭގައި ސިއްހީ ނިޒާމްގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން އިސްކަން ދީގެން ކަންކަން ރަނގަޅު ކުރަމުން އަންނަ ކަމަށާއި އެގޮތުން މިއަދު ހަވާލު ކުރެވުނު ހޮސްޕިޓަލުގެ މަސައްކަތްތަކަކީ މި ސަރުކާރުން ސިއްހީ ނިޒާމަށްދޭ އަހަންމިއްޔަތު އަންގައިދޭ ކަމެއް ކަމަށެވެ.
"ކުޅުދުއްފުށީ ހޮސްޕިޓަލް އަކީ އަތޮޅުތަކުގައި ގާއިމްކުރެވޭ އެންމެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް. މިކަމުން ވެސް އެނގެނީ ސަރުކާރުން ސިއްހީ ނިޒާމަށްދޭ އަހަންމިއްޔަތު. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކުރިއަށް އޮތް ތިން މަސްތެރޭގައި އެމްއާރްއައި ބެހެއްޓިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ. "ރައީސް ޔާމީންގެ ހެލްތް ސިޔާސަތުތަށް ދެ ދައުރު ނިމޭއިރު ފެނިގެންދާނީ ދޮންވެ ފައްކާވެފައިވާަ ނިޒާމެއްގެ ގޮތުގަ. މީގެ ކުރިން ރާއްޖެއިން ދެކިފައިނުވާ ތަރައްގީ ސިއްހީ ނިޒާމުން ފެނިގެންދާނެ."