ބޮލީވުޑް

25 އަހަރު ފަހުން ސަންޖޭ އާއި ސްރީދޭވީ އެކުގައި

Jul 12, 2017

މިދިޔަ ހުކުރު ދުވަހު ރިލީޒްވި ސްރިދޭވީގެ އާ ފިލްމު "މޮމް" އަށް އަންނަނީ ރަނގަޅު ތަރުހީބެއް ލިބެމުންނެވެ. މި ފިލްމަކީ 2012 ވަނަ އަހަރު ނިކުތް "އިންގްލިޝް ވިންގްލިޝް" ގެ ފަހުން އޭނާގެ ރިލީޒްވި ފުރަތަމަ ފިލްމެވެ.

"މޮމް" ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ހޯދަމުން އަންނައިރު، ސްރީދޭވީ ދެން ކުޅޭނެ ފިލްމުގެ ވާހަކަ ވަރަށް ގަދަޔަށް އަންނަނީ ދެކެވެމުންނެވެ.

ހަބަރުތައް ބުނާގޮތުން ކަރަން ޖޯހަރުގެ ޕްރޮޑިއުސްކުރާ އެ ފިލްމު ކުޅެން ސްރީދޭވީ މިހާރު ވަނީ އާނބަސް ބުނެފަ އެވެ. މި ފިލްމުގައި ސްރީދޭވީ އާއެކު ލީޑްރޯލުން ފެނިގެންދާނީ ސަންޖޭ ދަތެވެ.

އަބީޝެކް ވަރްމާ ޑައިރެކްޓްކުރާ މި ފިލްމަަކީ އިންޑިއާ އާއި ޕާކިސްތާން ދެފަޅިވުމާ ގުޅޭގޮތުން އުފައްދާ ފިލްމެކެވެ. އަބީޝެކް ވަނީ މީގެ ކުރިން ދަރްމާ ޕްރޮޑަކްޝަނުން އުފެއްދި "2 ސްޓޭޓްސް" ވެސް ޑައިރެކްޓްކޮށްފަ އެވެ.

މި ފިލްމަކީ ކަރަން އަށް ވަރަށް ހާއްސަ ފިލްމެކެވެ. މިއީ އޭނާގެ ބައްޕަ ވަރަށް ކުރިން އުފައްދަން ހިޔާލުކުރި ވާހަކަ އެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ސަންޖޭ އާއި ސްރީދޭވި މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނަމަ މިއީ މި ދެ ތަރިން މީގެ 25 އަހަރު ކުރިން، 1993 ވަނަ އަހަރު ކުޅުނު "ގުމްރާހް" އަށް ފަހު އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. އެ ފިލްމަކީ ވެސް ދަރްމާ ޕްރޮޑަކްޝަނުން އުފެއްދި ފިލްމެކެވެ.

ވަރަށް އަވަހަށް މި ފިލްމުގެ ސްކްރިޕްޓް ނިމޭނެ ކަމަށްވާއިރު ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

ސަންޖޭ އާއި ސްރީދޭވީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ސޮނާކްޝީ ސިންހާ އާއި ވަރުން ދަވަން އަދި އާލިއާ ބަޓް ވެސް ފެނިގެންފާނެ ކަމަށްވެ އެވެ.