ބޮލީވުޑް

އަކްޝޭގެ ބާކީކޮށް "ނަމަސްތޭ އިންގްލެންޑް" އަރްޖުން އަށް

Jul 11, 2017

ސުޕަސްޓާ އަކްޝޭ ކުމާރާއި ބަތަލާ ކެޓްރީނާ ކައިފް އެކުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމަކީ 2007 ވަނަ އަހަރު ނިކުތް "ނަމަސްްތޭ ލަންޑަން" އެވެ.

އެ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ އާއެކު ފިލްމު ޑައިރެކްޓްކުރި ވިޕުލް ޝާހް ވަނީ އެ ސިލްސިލާގެ ދެވަނަ ފިލްމެއް އުފަައްދަން ނިންމާފަ އެވެ.

ފުރަތަމަަ ފިލްމު ރިލީޒްވިތާ ދިހަ އަހަރު ފަހުން އުފައްދާ މި ސިލްސިލާގެ ދެވަނަ ފިލްމު، "ނަމަސްތޭ އިންގްލެންޑް" ގައި ފުރަތަމަ ފިލްމުގެ ލީޑްރޯލުން ފެނިގެންދިޔަ ތަރިން ފެނިގެންދާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މި ފިލްމު އުފައްދާ ފަރާތުން މިވަނީ އާ މޫނުތަކެއް އެ ރޯލުތައް ކުޅެން ހަމަޖައްސާފަ އެވެ.

"ނަމަސްތޭ ލަންޑަން" އާ ހިލާފަށް "ނަމަސްތޭ އިންގްލެންޑް" ގެ ތަރިން ބަދަލުވާއިރު ފިލްމުގެ ވާހަކަވެސް ވަަރަށް ބޮޑަށް ބަދަލުވާނެ ކަމަަށްވެ އެވެ.

އެގޮތުން އަކްޝޭގެ ބަދަލުގައި މި ސިލްސިލާގެ ދެވަނަ ފިލްމުގެ ބަތަލުގެ ރޯލުން ފެނިގެންދާނީ ޒުވާން އެކްޓަރު އަރްޖުން ކަޕޫރެވެ.

މި ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އަރްޖުން އަކީ މި ސިލްސިލާގެ ފުރަތަމަ ފިލްމުގެ ފޭނެކެވެ. އެ ފިލްމުގެ ވާހަކަ އޭނާ އަށް ވަރަށް ކަމުދިޔައިރު ދެވަނަ ފިލްމެއް ކުޅެން އޭނާ ހުރީ ވަރަށް ބޭނުންވެފަ އެވެ.

މި ފިލްމު ކުޅެން ޝައުގުވެރިކަން އަރްޖުން ފަޅުކުރި ނަމަވެސް އޭނާ ވަނީ އެ ފިލްމު ކުޅޭނީ އެކަމާ އަކްޝޭގެ އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ބުނުމުން ކަމަށް ބުނެފަ އެވެ.

އެގޮތުން ޑައިރެކްޓަރު ވިޕުލް މި ފިލްމުގެ ލީޑްރޯލު އަރްޖުން އަށް ހުށަހެޅުމުން ފިލްމު ކުޅެން ސޮއިކުރުމުގެ ކުރިން ވަނީ އަކްޝޭއާ އެކަކާ ގުޅޭގޮތުން މަޝްވަރާކޮށް އޭނާގެ އިޒުނަޔާއެކު ފިލްމު ކުޅެން ސޮއިކޮށްފަ އެވެ. އަދި އަކްޝޭ އާއި ވިޕުލް އަކީ އެކުގައި ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ގާތް އެކުވެރިންނަށްވީއިރު އަރްޖުން އަށް މި ފިލްްމު ދިިނުމަކުން އަކްޝޭގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ވަނީ ވިޕުލް ކުރެން ބުނެފަ އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ މި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ޕަންޖާބާއި ލަންޑަނުގަ އެވެ.

މި ފިލްމުގައި އަރްޖުން އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއަކު އަދި ހަމަޖައްސާފަައިނުވާއިރު އެ ރޯލުން ބަތަލާ ޕަރިނީތީ ޗޯޕްޅާ ފެނިގެންދާނެ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

މި ދެތަރިން އެކުގައި އިތުރު ފިލްމެއް ކުޅެން ސޮއިކޮށްފައިވާއިރު އަރްޖުން ބޮލީވުޑަށް ނިކުމެފައިވަނީ ވެސް ޕަރިނީތީ އާއެކުު އެވެ.