ހަބަރު

މިއީ ގާސިމް ހަރަދުކޮށްގެން ގެންނަން އުޅޭ ބަޣާވާތެއް: ޕީޕީއެމް

Jul 11, 2017
26

އިސްލާހީ މަސައްކަތުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން އަންނަނީ ބަޣާވާތެއް ކުރުމުގެ މަސައްކަތް ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން ތުހުމަތުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންއާއެކު ބޭއްވި ޕީޕީއެމް އެމްޑީއޭ ކޯލިޝަން ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިނގުރާދޫ ދާއިރާ މެންބަރު އިބްރާިމް ފަލާހު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ މަސައްކަތް ކުރައްވަނީ ސަރުކާރުގެ މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެއީ ގާސިމް ހަރަދު ކުރައްވައިގެން ބަޣާވާތެއް ގެންނަން ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވޭނެ ކަމަށާއި މަސީހުގެ އިތުބާރު ނެތް މައްސަލަ ވެސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

"މަސީހުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ފައިސާގެ ނުފޫޒު ބޭނުންކޮށްގެން އޭގެ ދަޅަ ދައްކައިގެން މެންބަރުން މި ވަނީ ގުޅިފައި. މިކަމަކީ ގާސިމް އިބްރހިާމްގެ ވިޔާފާރީގެ މަސްލަހަތު އިސްކޮށް ފައިސާ ވައްދާގެން ހިންގަމުން ގެންދާ ބޮޑު ބަގާވާތެއް،" ފަލާހު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު، އަހުމަދު ނިހާން ހުސެން މަނިކުވެސް ވިދާޅުވަނީ "ބަޣާވާތް ފަސޭހަ ކަމާއެކު ނާކާމިޔާބުކޮށްލާނަން" ކަމަށެވެ.