މެންޗެސްޓާ ޔުނައިޓަޑް ދޫކޮށް، އެވަޓަންއަށް ބަދަލުވީ، ރިޓަޔާ ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ނޫން ކަމަށް، ވޭން ރޫނީ ބުނެފި އެވެ. އޭނާ ބުނީ އެވަޓަންގައި އޭނާގެ ކުރީގެ ފެންވަރު އަލުން ދައްކައި، އިނގިރޭސި ގައުމީ ޓީމުން ޖާގަ ހޯދާނެ ކަމަށެވެ.
އިނގިރޭސި ގައުމީ ޓީމުން އެންމެ ފަހުން، ފްރާންސާއި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު މެޗަށް އެކުލަވާލި ސްކޮޑުން، ރޫނީއަށް ފުރުސަތު ދީފަ އެއް ނުވެ އެވެ. މިދިޔަ ސީޒަންގައި، އިނގިރޭސި ލީގްގައި، ރޫނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނީ 15 މެޗުގަ އެވެ.
އިނގިރޭސި ގައުމީ ޓީމުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތް ރޫނީ، މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން ގައުމީ ޓީމުގައި އެއްވެސް މެޗެއް ކުޅެފައެއް ނުވެ އެވެ. ރޫނީ، ބުނީ އިނގިރޭސި ގައުމީ ޓީމާ މެދު (މިވަގުތު) އެހާ ބޮޑަށް ނުވިސްނާ ކަމަށާއި ނަމަވެސް އެވަޓަންގައި އޭނާ ޕާފޯމް ކޮށްފިނަމަ އިނގިރޭސި ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ނުލިބި ނުދާނެ ކަމަށެވެ.
"އަހަންނަށް ހީވަނީ އަހަންނަށް އަބަދުވެސް އޮވޭހެން އަހަރެންގެ ފެންވަރު ސާބިތު ކޮށްދޭން ޕޮއިންޓެއް، އަހަރެން މިހުރީ ކުޅެން ތައްޔާރަށް،" އެވަޓަންގެ ސްޓޭޑިއަމްގައި ބޭއްވި ރޫނީގެ ފުރަތަމަ ނިއުސް ކޮންފަރެންސްގައި އޭނާ ބުންޏެވެ.
ރޫނީ 31 އިތުރަށް ބުނީ އާ ޗެލެންޖާ ކުރިމަތިލާން އޭނާ ތައްޔާރު ކަމަށާއި އަދި މިއީ އޭނާގެ ކެރިއަރުގެ އެކަމަށް އެންމެ މުހިންމު ވަގަުތު ކަމަށެވެ. އޭނާ ބުނީ، މިދިޔަ ސީޒަންގައި ޔުނައިޓަޑްގެ ފުރަތަމަ 11 އިން ޖާގަ ނުލިބުމުން ކޮންމެވެސް ވަރަކަށް މާޔޫސްވި ކަމަށާއި ނަމަވެސް އެ މާޔޫސް ކަމަކީ ވަގުތީ ކަމަކަށްވެ އަލުން އާ ރުހެއްގައި މަސައްކަތް ކުރާ ކަމަށެވެ.
އެވަޓަންގެ ކޯޗް ރޮނަލްޑް ކޫމަން ބުނީ، އެވަޓަންގެ ޓީމަށް ރޫނީ ކަހަލަ ތަޖުރިބާ ކާރު ކުޅުންތެރިޔެއް ލިބުމަކީ ސްކޮޑަަށް މުހިންމު ކަމަކަށް ވެގެންދާނެ ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންނަށް ރޫނީ އަކީ ނަމޫނާ އަކަށް ވެގެންދާނެ ކަމަށެވެ.