ހަބަރު

"ގޮނޑި ގެއްލިގެން ވެސް ގައުމު ސަލާމަތް ކުރަން މިތިބީ ތައްޔާރަށް"

އެޓާނީ ޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ކޮރޮޕްޝަން ހުއްޓުވުމަށް ކޮންމެހެން ވެސް ބޭނުން ކަމެއް ކަމަށާއި ސަރުކާރާއެކު މިހާރު ތިއްބެވި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނަސް ގައުމު ސަލާމަތް ކުރުމުގައި ދެމި ތިބޭނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ސާޅީސް ފަސް މެންބަރުންގެ ސޮޔާ އެކު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުމަށް ފަހު ސަރުކާރު ކޯލިޝަންގެ ދެ ޕާޓީން ގުޅިގެން ފުރަތަމަ ފަހަރަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ އެ ޕާޓީގެ މޮޓޯއަކީ "އެންމެ ފުރަތަމަ ގައުމު" ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމަކުން ޕީޕީއެމްއަށް ބަދަލުވި މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމާމެދު އެއްވެސް މެންބަރަކު ކަނބޮޑުވެވަޑައި ނުގަންނަވާ ކަމަށާއި ޕާޓީގެ މޮޓޯއާ އެއްގޮތަށް ގޮނޑި ގެއްލިގެން ވެސް ގައުމު ސަލާމަތް ކުރަން ތައްޔާރަށް ތިބި ކަމަށެވެ.

"[ޕީޕީއެމް އަށް ބަދަލުވި] އެ ބޭފުޅުން ވެސް އެ ވިދާޅުވަނީ ރައްޔިތުން ހޮވި ހައިސިއްޔަތު ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް. އެހެންވެ އޭގަ އިތުރަށް ދައްކާނެ ވަހަކައެއް ނެތް. އެ ބޭފުޅުން އެ ބަދަލުވީ އޭރު އެ ފުރުސަތު އޮތީމަ. ނަމަވެސް މިހާރު އެ ތިބީ ގައުމު ސަލާމަތް ކުރުމަށް ކޯޓުގެ ނިންމުމަށް ތަބާވާން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް ވިދާޅުވީ މާރުކޭޓެއްގައި ރައްޔިތުން މަޖިލީހުގެ މެންބަރުން ވިއްކާލުމުގެ ފިކުރު ރާއްޖެއަށް ތައާރަފްކޮށް ގެނެސްދިނީ ކޮން ބައެއްކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ގާނޫން ހަދަން ތިބޭ ބަޔަކު ފަސޭހައިން ގަނެލެވޭ ކަމަށް ވަނީ ނަމަ ގާނޫން އަސާސީއަށާއި ސިޔާސީ ޕާޓިތައް ރާއްޖެއަށް ގެނެސް ރައްޔިތުން ކުރި އުންމީދުތައް ވެސް ވިއްސިވިހާލި ވެގެންދާ ކަމަށެވެ.

"މިއީ ނުރައްކާތެރި ގޮތަކަށް ގައުމު އޮޔާލުމުގެ މަސައްކަތްތަކެއް އިދިކޮޅު ފަރާތްތަކުން ކުރަން ތިބުމުގެ ނަތީޖާއެއް މީގެ ތެރޭގައި ހިމެނިގެން ދާކަން. ރާއްޖޭގެ އެއްވެސް ރައްޔިތަކު އޭނާ މަޖިލީހަށް ފޮނުވި މެންބަރު ދުވާލު ދެ ގޮތަށް ދެކަފި ވެގެން ދިޔުމަކަށް އުންމީދެއް ނުކުރާނެ. އަދި އެ މެންބަރެއްގެ ސަބަބުން ރައްޔިތުންނަށް އަންނަން އޮތް ތަރައްގީއަށް ހުރަސް އެޅިގެން ދާކަށް ބޭނުމެއް ނުވާނެ. މިއީ އެކުލަވާލަން ޖެހޭ ގާނޫނެއް. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އޮންނަ ގޮތް،" ނިހާން ވިދާޅުވި އެވެ.

ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ އިރު އެ މައްސަލާގައި އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުމުން އިއްޔެ ވަނީ ޕީޕީއެމްއިން 10 މެންބަރުން ވަކިވެވަޑައިގެންފަ އެވެ. އޭގެ ސަބަބުން މަޖިލީހުގައި ޕީޕީއެމްއަށް އޮތް މެޖޯރިޓީ ވެސް ވަނީ ގެއްލިފަ އެވެ.