ކުޅިވަރު

އެހެން ޓީމަކަށް ނުދާނަން، ރިޓަޔާ ކުރާނީ ބާސާގައި: އިނިއެސްޓާ

Jul 11, 2017
1

ބާސެލޯނާ ދޫކޮށް އެހެން ޓީމަކަށް ނުދާނެ ކަމަށާއި ފުޓްބޯޅައިގައި ޕްރޮފެޝަނަލް ކެރިއާ ހުއްޓާ ލާނީ ބާސާގައި ހުރެ ކަމަށް، އެ ޓީމުގެ ކެޕްޓަން އަންދުރޭ އިނިއެސްޓާ ބުނެފި އެވެ.

އޭނާ ކިޔެވި ސްކޫލުގައި ހަދާފައިވާ އާޓިފިޝަލް ދަނޑެއް ހުޅުވުމުގެ ރަސްމިއްޔާތުގައި، އިނިއެސްޓާ ބުނީ، ކުޅުން ހުއްޓާލުމަށް ފަހުވެސް އޭނާ ހުންނަން ބޭނުންވަނީ ބާސާގެ މީހެއްގެ ގޮތުގައި ކަމަށާއި އޭނާ ތަމްސީލު ކޮށްދޭން ބޭނުން ވަނީ ބާސާ ކަމަށެވެ.

ކުރިން، މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ، ރިޓަޔާ ކުރުމުގެ ކުރިން، އިނިއެސްޓާވެސް ގަތަރުގެ ކުލަބަކާ ގުޅޭނެ ކަމަށެވެ. ބާސާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ކުޅެމުންދަނީ ގަތަރު ލީގް އަލް ސައާދަށެވެ. ގަތަރަކީ ސްޕެއިންގެ މަޝްހޫރު ބައެއް ކުޅުންތެރިން ކުޅުން ހުއްޓާލުމުގެ ކުރިން ކުޅޭ ގައުމެކެވެ. ސްޕެއިން އާއި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ރައުލު ގޮންޒާލޭސްވެސް ވަނީ އަލް ސައާދަށް ކުޅެފަ އެވެ.

"އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ، އަހަރެން ރިޓަޔާ ކުރާނީ، ބާސެލޯނާގައި ކަމަށް، އެއީ އަހަރެންގެ އުމުރުން 12 އަހަރުން ފެށިގެން ކުޅެމުން އަންނަ ކުލަބު،" ބާސާގެ ރަން ޖީލްގެ މުހިންމު ތަރިއެއް ކަމުގައިވާ އިނިއެސްޓާ، 33 ބުންޏެވެ.

"އެންމެ މަތީ ފެންވަރުގައި އަހަންނަށް ގިނަ އަހަރުތަކެއް ވަންދެން އަދި ވެސް ކުޅެވޭނެ، އެހެންވެ އަހަރެންގެ ކުރިމަގާ ބެހޭގޮތުން ގޮތެއް ނިންމަން އަދި އަވަސް، ނަމަވެސް އަހަރެން ހުންނާނީ ބާސާގައި އަހަރެން އުންމީދު ކުރަން ގިނަ ދުވަސްތަކެއް ވަންދެން ބާސާގައި ހުރެވޭނެ ކަމަށް."