ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ޑްރޯ: މިފަހަރު ވެސް ސިޓީ އާއި ބާސާގެ ކުރިމަތިލުމެއް

Dec 15, 2014

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހަނަޅައި ދިޔަ ޓީމުތަކުގެ ދެ ވަނަ އިމްތިޚާނު ފެށެނީ އެވެ. ނޮކް-އައުޓްގެ ފުރަތަމަ ސްޓޭޖު މި އޮތީ ވަރަށް ވެސް ފޯރިގަދަކޮށެވެ.

މިދިޔަ އަހަރު ވެސް މި ސްޓޭޖުގައި ވާދަކުރި މެންޗެސްޓާ ސިޓީ އާއި ބާސެލޯނާގެ ކުރިމަތިލުމެއް މިފަހަރު ވެސް މި އޮތީ ތަކުރާރުވެފަ އެވެ. އިއްތިހާދު ސްޓޭޑިއަމްގައި 2-0 އިން ސިޓީގެ މައްޗަށް މިދިޔަ ފަހަރުގެ ފުރަތަމަ ލެގުގައި ކުރި ހޯދި ބާސާ އިން ދެ ވަނަ ލެގު 2-1 ކާމިޔާބުކޮށް އެ މަރުހަލާ އިން ސިޓީ ކަޓުވާލީ 4-1 ގެ އެގްރިގޭޓް ތަފާތަކުންނެވެ.

މިފަހަރު ވެސް ފޯރި ކުޑައެއް ނުވާނެކަން ޔަގީނެވެ.

މިދިޔަ ފަހަރު ކުއާޓާ ފައިނަލުގައި ވާދަކުރި ޗެލްސީ އާއި ޕީއެސްޖީގެ ކުރިމަތިލުމެއް މި އޮތީ މިފަހަރު ތަންކޮޅެއް ކުރިން ފެންނަ ވަރުވެފަ އެވެ. ދެ ޓީމަށް ނޮކް-އައުޓް ސްޓޭޖުގެ ފުރަތަމަ ބުރުން ކުރިމަތިލުމެއް ލައްވާލާފައިވާއިރު އިނގިރޭސި އަނެއް ކްލަބް ކަމަށްވާ އާސެނަލްއާ ޖެހެނީ މޮނާކޯ އެވެ.

ފަހަރެއްގައި އިނގިރޭސި ކްލަބްތަކުގެ ތެރެއިން މިފަހަރު މި ސްޓޭޖުގައި ކިރިޔާ ވެސް ހިތްހަމަޖައްސާލެވޭނީ އާސެނަލް އަށެވެ. ނަމަވެސް އާސެނަލް އިން ބުނެފައި ވަނީ މޮނާކޯ އަކީ ވެސް ޔޫރަޕްގެ ގަދަ ބާރަކަށް ވުމުން ފަސޭހަކޮށްލެވެން ނެތް ކަމަށެވެ.

މިހާތަނަށް ޔޫރަޕްގައި މިފަހަރު އަދި ބަލި ނުވެ އޮތް ޗެމްޕިއަން ރިއަލް މެޑްރިޑް ޖަރުމަނުގެ ޝާލްކާއާ ދެކޮޅަށް މި ބުރުގައި ނުކުންނައިރު ބަޔާން މިއުނިކާ ޖެހެނީ ޝަކްތަ ޑޮނެސްކެވެ.

ޖުވެސްޓަސް އާއި ބޮރޫޝިއާ ޑޯޓްމަންޑް ކުޅޭއިރު އެންމެ ފޯރިކުޑަ ކުރިމަތިލުމެއްގެ ގޮތުގައި އޮތީ ބާސެލް އާއި ޕޯޓޯގެ ކުރިމަތިލުމެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ކުޅެ ރިއަލް އަތުން ބަލިވި އެތުލެޓިކޯ މެޑްރިޑް ނުކުންނާނީ ބަޔާ ލެވަކޫސަނާ ދެކޮޅަށެވެ.

މިދިޔަ އަހަރުން ތަކުރާރުވާ މެޗުތަކަށް ބަލާލާއިރު ޗެލްސީ އާއި ޕީއެސްޖީގެ މެޗު ވެސް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ. ޗެލްސީއާ ދެކޮޅަށް ޕީއެސްޖީ ތަންކޮޅެއް ކުރިން އެނބުރި އަންނައިރު އެމީހުން މި ވަނީ ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ޑޭވިޑް ލުއިޒް ގެންގޮސް ފަހަތް އިތުރަށް ވަރުގަދަކޮށްފަ އެވެ.

މިދިޔަ ފަހަރުގެ ކުރިމަތިލުމުގައި ކުރި ހޯދީ ޗެލްސީ އެވެ.

މޮނާކޯ އާއި އާސެނަލް ގެ މެޗް ވެސް މުހިންމެވެ. މޮނާކޯ އަކީ ކުރިން އާސެނަލްގެ މިހާރުގެ ކޯޗް އާސެން ވެންގާ ކޯޗުކަން ކޮށްދިން ޓީމެވެ.

މި ސްޓޭޖުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ ފެބްރުއަރީ 17/18 އަދި 24/25ގަ އެވެ. ދެ ވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ މާޗް މަހުގެ 10/11 އަދި 17/18ގަ އެވެ.