ހަބަރު

އަސޭލާއާ ބައްދަލުވީ ފާރިސް މައުމޫންގެ ފަރާތުން: ރައީސް

Jul 11, 2017
8

ސްރީލަންކާގެ ސިހުރުވެރިއެއް ކަމަށް ބުނާ އަސޭލާއާ ބައްދަލުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ ފަރާތްޕުޅުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. މިއީ އަސޭލާއާ ބެހޭ ގޮތުން ރައީސް ޔާމީން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ރައީސް ވިދާޅުވީ، އަސޭލާ އާއި އެމަނިކުފާނާ ތައާރަފްކޮށްދިނީ ފާރިސް މައުމޫން ކަމަށެވެ. އަސޭލާއާ ބައްދަލުވި ދުވަސް ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ، އެއް ދުވަހެއްގައި ކައުންސިލް ބައްދަލުވުމުން ވަޑައިގެންނެވި އިރު، ފާރިސް އަޅުގަނޑާ އަސޭލާއާ ބައްދަލު ކޮށްދިން ކަމަށެވެ.

"އަސޭލާ ކިޔާ މީހަކާ ބައްދަލުވި. އެންމެ ފުރަތަމަ ވެސް ބައްދަލުވީ ޕީޕީއެމްގެ އޮފީސް ތެރެއިން. އެއީ ފާރިސްއާ ބައްދަލުކުރަން އައިސް އިންދާ. ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމަކަށް އައިސް އިންދާ ފާރިސް އަޅުގަނޑަށް، އަސޭލާ ތައާރަފް ކޮށްދެއްވީ. ދެން އޭނަވީ އަޅުގަނޑުގެ ޅިޔަނު މަނިކުގެ ވަރަށް ގާތް މީހަކަށް،" ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް އަސޭލާގެ އެހީގައި ސިހުރު ހެދިކަމަށް ބުނާ ވާހަކަ ދޮގު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ސިހުރު ހަދާ ނަމަވެސް ހަނދާނީ މުސްލިމް މީހެއްގެ އެހީތެރިކަމުގައި ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނަކީ ސިހުރު ހާހޫރުގެ ކަންކަން ގަބޫލު ކުރާ މީހެއް ނޫން ކަމަށެވެ. އަދި ސިހުރު ހަދައިގެން ވެރިކަމެއް ލިބޭނެ ކަމަށް އަދި ރައްޔިތުންގެ ލޯބި ލިބޭނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަ ހިޔާލެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެން ވެއްޖިއްޔާ އެންމެ މޮޅު ސިހުރު ހަދާ މީހާ ދެއްތޯ ވެރިކަން ހޯދާނީ. އެކަމަކު އެހެނެއް ނޫން ދެއްތޯ ވަނީ. ގައުމެއްގެ ވެރިކަން މިހޯދަނީ ކެމްޕޭންކޮށް ތާއީދު ހޯދައިގެން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިހުރުގެ ވާހަކަ ދައްކައިގެން ރައްޔިތުން އެވާހަކަ ގަބޫލު ނުކުރާނެ ކަމަށާއި އެއީ ވަރަށް ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށެވެ. އަދި އެމަނިކުފާނު ބަލިކުރަން ބޭނުން ނަމަ ސިޔާސީ ގޮތުން ވާދަކޮށްގެން ބަލި ކުރުމަށް ރައީސް އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވި އެވެ. މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކުން އެމަނިކުފާނު ބަލި ނުކުރެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން، އަސޭލާއާ އެކު އެމަނިކުފާނު ވާހަކަދެއްކެވި ކަމަށް ބުނާ އޯޑިއޯއެއް އާންމުވެފައިވާތީ، އެކަމާ ގުޅޭ ގޮތުން ވިދާޅުވީ އޯޑިއޯއަކީ ހެދޭނެ އެއްޗެއް ކަމަށާއި އޯޑިއޯއަކީ ޝަރީއަތުގައި ސާބިތު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.