ހަބަރު

ފ ގެ މަޝްރޫއު ހުއްޓުނު ކަމުގެ އިޝާރާތެއް ރައީސް ކުރައްވައިފި

ފ. އަތޮޅުގައި ސައުދީ އަރަބިއްޔާއިން ތަރައްގީ ކުރުމަށް ޝައުގުވެރިވެފައިވާ މަޝްރޫއު ހުއްޓުމަކަށް އައިސްފައިވާ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވައިފި އެވެ.

ދުވަސްތަކަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ފ. އަތޮޅާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އުޅުއްވީ ރާއްޖެއަށް ފައިދާކޮށްދޭނެ މަލްޓި މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ގެންނަން ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން އެކަމާ ދެކޮޅު ހެއްދެވީ ކަމަށާއި އެހެންކަމުން އެ އިންވެސްޓްމަންޓުގެ ޒިންމާ ރައީސް އުފުލަން ދެން ނުޖެހޭނެ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން [ފ. އަތޮޅު މަޝްރޫއާ] ދެކޮޅު ހެދީ. ދެން ދެކޮޅު ހެދީމަ ސައުދީގެ މަލްޓި މިލިއަން ޑޮލާ އިންވެސްޓްމަންޓެއް ރާއްޖެ އަންނާނެތޯ ނޫންތޯ؟ އަތަޔަސް ނަޔަސް އޭގެ ޒިންމާ އަޅުގަނޑެއް ނޫން އުފުލާނީ. ރައްޔިތުންނަށް ފައިދާ ހުރި އަދި ބިނާ ކުރެނެވި ފިކުރަކާ އެކީ ވެރިކަންކޮށްދޭން އެ ބުނާ މީހުން ތީގެ ޒިންމާ ނަގަން ޖެހޭނީ. އަޅުގަނޑު އުޅުނީ މަޝްރޫއު ގެނެސްދޭން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަޝްރޫއު ދެން ނާންނާނެތޯ ސުވާލު ކުރެއްވުމުން ރައީސް ވިދާޅުވީ މަޝްރޫއުތަކަކީ "ދުވެފައި އަންނަ އެއްޗެއް" ނޫން ކަމަށެވެ. އެއީ ރާއްޖޭގެ ރައްޔިތުން އެހާ ބޭނުން ނޫން ކަމެއް ކަމަށް އިދިކޮޅު ހުރިހާ ލީޑަރުން ދެއްކީމަ ބޭނުން ނުވާ ކަމެއް ނާންނާނެ ކަމަށެވެ. އަދި އިންވެސްޓަރުންނަށް މަރުހަބާ ނުކިޔާ ތަނަކަށް އިންވެސްޓަރުން ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފ. އަތޮޅު މަޝްރޫއާ ގުޅޭގޮތުން މީގެ ކުރިން ރައީސް ވިދާޅުވެފައި ވަނީ އެ މަޝްރޫއު ހުއްޓުމަކަށް ނާންނާނެ ކަމަށެވެ. އަދި ސައުދީއާ އެކު އެކަމުގެ މަޝްވަރާތައް އަދިވެސް ހިނގަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް އޭގެ ފަހުން ނުދެ އެވެ.