ބަތަލާ ސޯނަމް ކަޕޫރަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ތަރިއެއް ނަމަވެސް އޭނާގެ ޒާތީ ކަންކަން ވަރަށް ސިއްރުން ގެންގުޅޭ ތަރިއެކެވެ.
ނަމަވެސް މިފަހަކަށް އައިސް ސޯނަމް އާނަންދް އަހޫޖާ ކިޔާ ވިޔަފާރިވެރިއަކާއެކު ފެނުން ގިނަވެފައިވާއިރު، ފަހަކަށް އައިސް އެކަކު އަނެކަކާ އެކު ނަގާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރުން ވެސް ވަރަށް އާންމެވެ.
މިހާތަނަށް ވެސް އާނަންދާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން ސޯނަމް އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު އޭނާ ވަނީ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނަސް ނުވަތަ ނޫޅުނަސް އެކަމުގެ އެއްވެސް ވާހަކައެއް މީޑިއާގައި ނުދައްކާނެ ކަމަށް ބުނެފަ އެވެ.
ސޯނަމްގެ އާއިލާގެ އެކި ހަފްލާތަކުގައި ވެސް އަނަންދް ފެންނަލެއް ގިނަވެފައިވާއިރު، މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެދާނެ ކަމަށްވެ އެވެ. ސޯނަމް އިންޑިއާއިން ބޭރަށް ކުރާ ހުރިހާ ދަތުރެއްގައި އޭނާ އާއެކު އާނަންދް ބައިވެރިވެ އެވެ.
ސޯނަމް އާއި އަނަންދް ގުޅުން ވަރަށް ސީރިއަސްކޮށް ކުރިއަށްދާއިރު މިހާރު އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަަކަ އަކީ މި ދެމީހުން ވަރަށް އަވަހަށް ކައިވެނިކުރަން ނިންމާފައިވާ ވާހަކަ އެވެ. ސޯނަމްގެ އާއިލާ އާ ވެސް އަނަންދް ވަރަށް ގާތްއިރު، ވަކިން ހާއްސަކޮށް ސޯނަމްގެ ބައްޕަ އަނިލް ކަޕޫރަށް އާނަންދަ ވަރަށް ކަމުދާ ކަމަށް ހަބަރުތައް ބުނެ އެވެ.
އެގޮތުން ސޯނަމް އާއި އާނަންދް ގުޅުން އިތުރު ހަރުފަތަކަށް ކުރިއަށް ވީހާވެސް އަވަހަށް ގެންދަން އަނިލް ވަނީ އެ ދެމީހުން ކުރެން އެދިފަ އެވެ. ހަބަރުތައް ބުނާގޮތުން އަނިލް ވަނީ އެ ދެމީހުން ކުރެން ކައިވެނި ނުކޮށް އެހެން ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަހު އުޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ބުނެ އަވަހަށް ކައިވެނީގެ ގޮށް ޖަހަން ބުނެފަ އެވެ.
ނަމަވެސް އަނިލްގެ ހިޔާލަށް ސޯނަމްގެ ގާތް އެކުވެރިން ދެކޮޅެވެ. އެމީހުން ސޯނަމް ކުރެން ވަނީ އެހާ އަވަހަށް ކައިވެނި ނުކުރުމަށް އެދިފަ އެވެ. ސޯނަމްގެ ކެރިއަރު ރަނގަޅު މިސްރާބެއްގައި ކުރިއަށްދާއިރު އަވަސް އަރުވާލައިގެން ކައިވެނިކޮށް ފިލްމީ ކެރިއަރު ހަލާކުނުކުރަން ސޯނަމަށް އޭނާގެ ގާތް އެކުވެރިން ވަނީ ނަސޭހަތްދީފަ އެވެ.
އެކުވެރިން ކޮންމެ އެއްޗެކޭ ކިޔަސް ސޯނަމްގެ ވިސްނުން ހުރީ އަވަހަށް އާނަންދާ އެކު ޒަވާޖީ ހަޔާތެއް ފެށުމަށެވެ.
ކެރިއަރުގެ އެންމެ ޕީކް ދުވަސްކޮޅު ކައިވެނިކޮށްގެން ތިބި ބަތަލާއިން މަދެއް ނޫނެވެ. ކައިވެނިކޮށް ކުދިން ވެސް ލިބޭ ފަހުން ކެރިއަރަށް ވަގުތު ހުސްކުރެވޭނެކަން ބަތަލާ އައިޝްވާރިޔާ ރާއި އާއި ކަރީނާ ކަޕޫރު ފަދަ ތަރިން އަންނަނީ ދައްކަމުންނެވެ.