ބޮލީވުޑް

މާ ފަލަވުމުން އަނުޝްކާ "ސާހޯ" އިން ބޭރުކޮށްލީ؟

Jul 15, 2017

"ބަހޫބަލީ" ގެ ލީޑްރޯލުން ފެނިގެންދިޔަ ދެ ތަރިން ކަމަށްވާ ޕްރަބާސް އާއި އަނުޝްކާ ޝެޓީގެ ފުރިހަމަ ކެމިސްޓްރީ އަށް އެ ފިލްމު ބެލި ހުރިހާ ފަރާތްތަކުން ވަނީ ތައުރީފުކޮށްފަ އެވެ.

"ބަހޫބަލީ" އާއި "ބަހޫބަލީ 2" އިން ވިދާލި މިދެތަރިންނަށް އިތުރު ފިލްމަކުން ވެސްް އޮތީ ފުރުސަތު ލިބިފަ އެވެ. ސުޖީތް ރެޑީ ޑައިރެކްޓްކުރާ "ސާހޯ" އިން ޕްރަބާސް އާއެކު ބަތަލާގެ ރޯލު ކުޅެން އަނުޝްކާ ހަމަޖައްސައި އޭނާ އައީ މި ފިލްމަށް ތައްޔާރުވަމުންނެވެ.

މި ފިލްމުގައި އަނުޝްކާ ކުޅެން ހަމަޖެހިފައި އޮތީ މީގެކުރިން އޭނާ ފެނިގެން ގޮސްފައިނުވާ ކަހަލަ ރޯލަކުންނެވެ. ވަރަށް ޒަމާނީ އަދި ފެޝަން ރޯލެއް އަނުޝްކާ "ސާހޯ" ގައި ކުޅެން ޖެހޭއިރު މި ރޯލު ކުޅެން އޭނާ ޖެހެނީ ބަރުދަން ލުއިކޮށް މިހާރަށް ވުރެން ވެސް ހަށިގަނޑު ލޫޅާފަތި ކުރާށެވެ.

މި ފިލްމަށް ތައްޔާރުވުމަށް ބަރުދަން ލުއިކުރުުމުގެ މަސައްކަތް އަނުޝްކާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށްވާއިރު މިފަހަކަށް އައިސް އޭނާ ބޭރު ތެރެއިން އެެއްގޮތަކަށް ވެސް ނުފެންނަ ކަމަށްވެ އެވެ. އޭނާގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލުތައް މީޑިއާގައި ލީކުވެދާނެތީ އަނުޝްކާ ވަނީ މި މަހުގެ ކުރީކޮޅު ބޭއްވި ސައުތް އިންޑިއަން އިންޓަނޭޝަނަލް ފިލްމު އެވޯޑް (ސީމާ) ހަފްލާގައި ވެސް ބައިިވެރިނުވެފަ އެވެ.

އުންމީދީ ފިލްމު "ސާހޯ" އަށް ތައްޔާރުވާން އަނުޝްކާ ކިތަންމެ ބުރަ މަސައްކަތެއް ކުރަމުން އައި ނަމަވެސް އޭނާ މި ފިލްމުން ބޭރުކޮށްފައިވާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

އަނުޝްކާ އަށް މި ފިލްމު ގެއްލިފައިވާ ކަމަށް ވަނީ ފިލްމަށް ތައްޔާރުވާން ލިބުނު މުއްދަތުގައި ފިލްމު އުފައްދާ ފަރާތުން އެދުނު ވަރަށް އޭނާގެ ބަރުދަން ލުއިނުކުރެވުމުންނެވެ.

މާ ފަލަކަށް ބުނެ އަނުޝްކާ ފިލްމުން ބޭރުކޮށްލިއިރު، ގާތްގަނޑަކަށް އަށް ވަރަކަށް ކިލޯ އޭނާ އަށް ވަނީ ހިއްކާނުލެވިފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި މި ފިލްމުގެ ޝޫޓިން ޕަރްބާސް އާއި ބޮލީވުޑްގެ އެކްޓަރު ނީލް ނިތިން މުކޭޝްއާ އެކު ފަށާފައިވާއިރު، ބަތަލާގެ ރޯލު ކުޅެން ބޮލީވުޑްގެ ތަރިންގެ ތެރެއިން ކެޓްރީނާ ކައިފް އާއި ޝްރަދާ ކަޕޫރު އަދި ސޯނަމް ކަޕޫރަށް ވަނީ ހުށަހަޅާފަ އެވެ.

އެހެން ފިލްމުތަކެއްގެ މަސައްކަތް ކުރަމުން އަންނާތީ މި ފިލްމަށް ވަގުތު ދެވެން ނެތް ކަމަށް ބުނެ ކެޓްރީނާ ވަނީ ފިލްމު ދޫކޮށްލާފަ އެވެ. ދެން މި ފިލްމު ހުށަހެޅި ޝްރަދާ ފިލްމު ކުޅެން އެއްބަސްވި ނަމަވެސް އޭނާ ފިލްމު ކުޅެދޭން ކިޔާފައިވާ އަގު ބޮޑުވުމުން ފިިލްމު އުފައްދާ ފަރާތުން ވަނީ އޭނާ އަށް ނޫނެކޭ ބުނެފަ އެވެ. ދެން ހުރި ބަތަލާ ސޯނަމް މި ފިލްމު ކުޅެން އެއްބަސްވިކަން ނުވަތަ ނޫންކަން ވެސް އަދި ޔަގީނެއްނުވެ އެވެ.

ދެހާސް ފަނަވަރަ އަހަރު ނިކުތް ފިލްމު "ސައިޒް ޒީރޯ" ކުޅެން އަނުޝްކާ ވަނީ ބަރުދަނުން 20 ކިލޯ އިތުރުކޮށްފަ އެވެ. އިތުރު ކުރި ބަރުދަން ދެ އަހަރެއްހާ ދުވަސް ވާން ދާއިރު ވެސް އަނުޝްކާ އަށް ދުއްވާނުލެވުނުއިރު "ބަހޫބަލީ 2" ގައި ވެސް ފުރަތަމަ ފިލްމަށް ވުރެން ފަލަކޮށް އޭނާ ހުރުމުން ހިކި ކަމަށް ދައްކާފައިވަނީ ކޮމްޕިއުޓާ ގްރެޕިކްސްގެ އެހީގަ އެވެ.