ހަބަރު

ނަޝީދުގެ ބަސް: ގޮނޑި ގެއްލޭނެ އާ ގޮތެއް އުފަން ނުކުރެވޭނެ

Jul 12, 2017
12
  • އެއީ އުވާލަމުން އަންނަ ބަރުލަމާނީ ސިފައެއް
  • ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް ނުކުރެވޭނެ
  • ދައުރުގެ މެދުން ކޯޓަކަށް އެފަދަ އުސޫލެއް ނުގެނެވޭނެ

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ފިޔަވައި އެހެން ޕާޓީއކަށް ބަދަލުވެއްޖެ ނަމަ އެފަދަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އެއީ މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެ މައްސަލައާ ދެކޮޅު ހައްދަވައިފި އެވެ.

ގާނޫނީ ދާއިރާއިން ވަރަށް ބޮޑަށް ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ނަޝީދު، އޭނާގެ އަމިއްލަފުޅު ބްލޮގްގައި، "ފްލޯ ކްރޮސިންގެ ބަހުސް" މި ސުރުހީގެ ދަށުން ޝާއިއު ކުރެއްވި ލިޔުމުގައި ވިދާޅުވެފައި ވަނީ، އިންތިހާބުވާ ޕާޓީގެ ފިކުރާ ހިލާފަށް އަމަލު ކުރައްވައިފި ނަމަ މެންބަރުންގެ ގޮޑި ގެއްލޭ އުސޫލު ނޫނީ "އެންޓި ޑިފެކްޝަން" އުސޫލަކީ ބަރުލަމާނީ ނިޒާމެއްގައި އޮންނަ އުސޫލެއް ކަމަށާއި އެއީ ރިޔާސީ ނިޒާމެއްގެ ސިފައެއް ނޫން ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއްގައި އެފަދަ އުސޫލެއް އޮންނަނީ ވެރިކަން ދެމިއޮތުން ބިނާވެގެން ވަނީ ގާނޫނު ހަދާ މަޖިލީހުގައި ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ މައްޗަށް ކަމަށް ވާތީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ގާނޫނީ ނަޒަރަކުން އެ މައްސަލައިގައި އޭނާގެ ރައުޔު ތަފްސީލްކޮށް ހާމަކުރައްވަމުން ވިދާޅުވީ ބަރުލަމާނީ ނިޒާމްތަކުން ވެސް އެ އުސޫލު މިހާރު ދޫކޮށްލަން ފަށާފައިވާ ކަމަށެވެ. ސަބަބަކަށް ވަނީ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރަނީ ރައްޔިތުންގެ ދާއިރާ ތަމްސީލް ކުރަން ނަމަވެސް، "އެންޓި ޑިފެކްޝަން" އުސޫލުގެ ސަބަބުން މެންބަރުންނަށް އެ މަސްއޫލިއްޔަތު އަދާކުރަން ހުރަސް އެޅޭތީ ކަމަށެވެ.

ނަޝީދު ވިދާޅުވީ، މަޖިލިހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނިކޮށް، ގާނޫނުއަސާސީއަށް ބަދަލެއް ނުގެނެސް، އޭގެ ތެރެއަށް އެހެން އާ ހާލަތެއް އިތުރުކުރެވިދާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި "އެންޓި ޑިފެކްޝަން"ގެ އުސޫލެއް ގެނެވޭނެ ހަމައެކަނި ގޮތަކީ ގާނޫނުއަސާސީގައި އެކަން ކުރެވޭނެ ގޮތް ލިޔެގެން އެވެ. އަދި އެ އުސޫލު އޮންނަ ދުނިޔޭގެ ގައުމުތަކުގައި ވެސް އެކަން އޮންނަނީ ގާނޫނު އަސާސީގައި ލިޔެ އެކަމަށް ހާއްސަ ގާނޫނުތަކާއި އުސޫލުތަކެއް އެކުލަވާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދައުރެއްގެ މެދުތެރެއިން، ވޯޓެއްގެ ނޯޓިސް ހިނގަހިނގާ އޮއްވައި، ކޯޓަކުން ނެރެން އެދޭ ޙުކުމަކުން، ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި މަޖިލިހަށް ފޮނުވާފައިވާ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ އާ ސަބަބެއް ނުވަތަ ޙާލަތެއް އުފަންކުރުވިދާނެ ކަމަކަށް ހަމައެއްގޮތަކަށްވެސް ނުފެނެއެވެ.
އެކަން ކުރެވިދާނެ ހަމައެކަނި ގޮތަކީ ޤާނޫނުއަސާސީގައި އެކަން ކުރެވޭނެގޮތް ބަޔާންކުރުމެވެ. އަދި އެ މާއްދާތައް ދެން އަންނަ އިންތިޚާބަކުން ހިނގާގޮތަށް ހެދުމެވެ،" ނަޝީދުގެ ލިޔުއްވުމުގައިވެ އެވެ.

އޭނާ ވިދާޅުވީ އެންޓި ޑިފެކްޝަންގެ އުސޫލު އޮންނަން ވާނީ، މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ދައުރުގައި ބާކީ އޮތްބައިގައި އޭނާ މަގާމުގައި ބަހައްޓަން ފެނޭތޯ އަލުން ވޯޓެއް ނެގޭނެ އުސޫލަކަށް ކަމަށެވެ. އެހެން ނަމަވެސް އެކަން ވެސް ކުރެވޭނީ ގާނޫނު އަސާސީގައި ލިޔެ ތަފްސީލީ ގާނޫނުތަކެއް ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ވިސްނުމުގައި، ރާއްޖޭގައި އަމަލު ކުރާ ރިޔާސީ ނިޒާމުގައި މަޖިލީހުގެ އަގުލަބިއްޔަތު ގެއްލުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް މަގާމު ގެއްލޭ ކަމެއް ނޫނެވެ. އެހެން ކަމުން މަޖިލީހުގެ މެޖޯރިޓީ އޮތުމާއި ރައީސްއަކަށް އޮންނަ ނަސީބަކަށް ވާއިރު އެކަމުގައި ސަބަބުން ރައީސްގެ މަގާމަށް ބަދަލެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.