ރާއްޖެ ކުޅިވަރު

ޔުނައިޓެޑްގެ ކެޕްޓަނަކަށް ކެރިކް

Jul 12, 2017

މެންޗެސްޓާ ޔުނައިޓެޑްގެ އާ ކެޕްޓަނަކަށް ތަޖުރިބާކާރު ކުޅުންތެރިޔާ މައިކަލް ކެެރިކް ހަަމަޖައްސައިފި އެވެ. ޔުނައިޓެޑުން ކެރިކަށް ކެޕްޓަން ބޭންޑް ދިނީ އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ، 13 އަހަރު އެ ކްލަބުގައި ހޭދަ ކުރުމަށް ފަހު އޭނާގެ ކުރީގެ ކްލަބް އެވަޓަން އަށް ބަަދަލުވުމާ ގުޅިގެންނެވެ.

ޓޮޓެންހަމް ހޮޓްސްޕާ އިން 2006 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި ކެރިކް 35، އަކީ އެ ޓީމުގައި މި ވަގުތު ހުރި އެންމެ ސީނިއާ ކުޅުންތެރިޔާ އެވެ. ކެރިކް ވަނީ މިދިޔަ މޭ މަހު ޔުނައިޓެޑްގެ ކޮންޓުރެކްޓް އިތުރު އެއް އަހަރަށް އާކޮށްފަ އެވެ.

ކެރިކް ބުނީ ޔުނައިޓެޑްގެ ކެޕްޓަންކަން ކުރުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ.

"ވަރަށް އުފާވެއްޖެ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ލިބުނީމަ. މިއީ ވަރަށް ބޮޑު ފަހުރެއް. އަހަރެން ދުވަހަކު ވެސް އުންމީދެއް ނުކުރަން މިހާ ދުވަހު މި ކްލަބަށް ކުޅެ، މިހާ ބޮޑު ކާމިޔާބީތަކެއް ލިބޭނެކަމަށް،" ކެރިކް ބުންޏެވެ.

ކެރިކަށް ކެޕްޓަން ބޭންޑް ދިން ނަމަވެސް، އޭނާ އަކީ މިހާރު ގަވައިދުން ޔުނައިޓެޑްގެ ފުރަތަމަ 11 ގައި ކުޅޭ ކުޅުންތެރިޔެއް ނޫނެވެ. މިދިޔަ ސީޒަންގައި ކެރިކް ކުޅުނީ 38 މެޗެވެ. އޭގެ ތެރެއިން ޕްރިމިއާ ލީގުގައި ކުޅުނީ 23 މެޗެވެ.

ޔުނައިޓެޑުން އިތުރު މިޑްފީލްޑަރެއް ހޯދަން މަސައްކަތް ކުރަމުން ދާއިރު، ކުރިއަށް އޮތް ސީޒަންގައި ވެސް ކެރިކަށް ގަވައިދުން ޔުނައިޓެޑްގެ ފުރަތަމަ 11 އިން ޖާގަ ލިބޭނެކަމަށް ނުބެލެވެ އެވެ.