ލައިފްސްޓައިލް

އެރޯމާ ތެލާއި ސިކުނޑީގެ ހަމަޖެހުމާއި އޮތް ގުޅުން އެނގޭތަ؟

Jul 12, 2017

ކޮޓަރިއަށް ވަންނައިރު ހިތްގައިމު އެރޯމާ ތެލެއްގެ ވަހެއް ދުވައިފިނަމަ އެމީހެއްގެ ސިކުނޑި ވަގުތުން ތާޒާ ވެގެންދާނެ ކަން ޔަގީނެވެ. މިއީ ބައެއް ފަހަރަށް ބާޒާރުކުރަން ގޮސް އުޅޭއިރު ވެސް ދިމާވާ ކަމެކެވެ. ފިހާރަތަކަށް ވަންނައިރު ދުވާ ވަހުގެ ސަބަބުން ހިތްހަމަ ޖެހުން ގެނެސްދީ އެ ފިހާރައަކަށް ޝައުގުވެރިކަމާއި ލޯބިޖެހޭ ފަހަރު ވެސް އާދެ އެވެ.

ސައިންސް ބުނަނީ އެ ތަނެއްގައި ހުންނަ ވަހާއި މިހާގެ މޫޑަށް ބަދަލު އައުމާއި ވަރަށް ބޮޑު ގުޅުމެއް އޮންނަ ކަމަށެވެ. އަދި މިގޮތަށް ކޮޓަރި ފަދަ ތަންތަނުގައި މީރުވަސް ދުއްވަން ބޭނުންކުރާ އެރޯމާ ތެލަކީ އަހަރެމެންގެ ނިދުމާއި ސްޓެރްސްއާ ދުރުކޮށް މީހާގެ ސިކުނޑި ތާޒާ ކުރުމުގައި މުހިންމު ރޯލެއް އަދާކުރާ އެއްޗެއް ކަމަށެވެ.

ޑިޕްރެޝަން އާއި އެންޒައިޓީ ހުންނަ މީހުންނަށް ވެސް އެރޯމާ ތެލުގެ ސަބަބުން ލުޔެއް ގެނެސްދީ މީހާގެ ނަފްސު ހަމައަކަށް އަޅުވައިދެ އެވެ. ނަމަވެސް މީގެ މާނައަކީ އެފަދަ ކަންކަމަށް ކާން ހުންނަ ބޭސް ނުކައި އެރޯމާ ތެލުން ވަސްބެލުމުން އެކަނި އެފަދަ ކަންކަމަށް ހައްލު ލިބޭނެއެކޭ ނޫނެވެ. ނަމަވެސް ލުޔެއް ގެނެސްދޭނެ އެވެ.

މިގޮތުން ލެވެންޑާ ތެލުގެ ސަބަބުން ނިދަން ފަސޭހަ ކޮށްދީ، ލޭގެ ޕްރެޝާ ދަށްކޮށްދީ ޑިޕްރެޝަންގެ އުނދަގޫ ކުޑަކޮށްދެ އެވެ.

ކެމޯ މައިލް މަލުގެ ސައިގެ އިތުރުން އެ މަލުގެ އެރޯމާ ތެލަކީ ވެސް ސިއްހަތައް ބޮޑެތި ފައިދާ ތަކެއް ކުރުވާ ތެލެކެވެ. ކެމޯ މައިލް އެރޯމާ ތެލުގެ ސަބަބުން އެންޒައިޓީގެ އުނދަގޫ ކުޑަކޮށްދީ ހިތްހަމަ ޖެހުން ގެނެސްދެ އެވެ.

ބޮޑު ލުނބޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ އެރޯމާ ތެލަކީ ވެސް އެތަށް ގޮތަކުން މީހާއަށް އަރާމާއި ހިތަހްމަޖެހުން ގެނެސްދޭ ތެލެކެވެ. މިގޮތުން މާބަނޑު ދުވަސް ވަރު ދިމާވާ އެންޒައިޓީގެ އުނދަގޫތަކަށް ލުޔެއް ލިބި، ހިތް ހަމަޖެހުން ގެނެސްދެ އެވެ.

މީގެއިތުރުން ވެސް ޖެރޭނިއަމް ތެލާއި ނެރޯލީ ފަދަ އެރޯމާ ތެޔޮތަކަކީ ޑިޕްރެޝަން އާއި ސްޓްރެސް އާ ދުރުކޮށްދީ މީހާއަށް ހިތް ހަމަޖެހުން ގެނެސްދޭ ތެޔޮ ތަކެވެ.

ވީމާ ދުވަހުގެ ކޮންމެވެސް ހިސާބަކުން ކޮޓަރި ތެރެ އެރޯމާ ތެލެއްގެ މީރު ވަހުން ތާޒާކޮށްލުމަކީ މީހާގެ ލައިފް ސްޓައިލް އުފާވެރިކޮށްދީ ހިތް ހަމަޖެހުން ގެނެސްދޭނެ ކަމެއް ކަން ޔަގީނެވެ. އަދި މިއީ ބައިވެރިޔާ މަސައްކަތުގައި އުޅެފައި ގެއަށް އަންނަވަގުތު ހިތް އުފާކޮށްދިނުމުގެ ގޮތުން ވެސް ކޮށްލަން ރަނަގަޅު ކަމެކެވެ.