ހަބަރު

ގޮނޑި ގެއްލޭ މައްސަލައަށް ވަންނަން އަނާރާވެސް ހުށަހަޅައިފި

އިންތިހާބުވާ ޕާޓީގެ ފިކުރާ ދެކޮޅަށް މަސައްކަތް ކުރާނަމަ ނުވަތަ ޕާޓީން ވަކިވެ އެހެން ޕާޓީއަކަށް ގުޅިއްޖެނަމަ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައެޅުމަށް އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަންނަން ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ހުށަހަޅައިފި އެވެ.

އަދާލަތު ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ސުޕްރީމް ކޯޓްގައި ހިންގަމުންދާ ދުސްތީރީ މައްސަލައަށް ތަދައްހުލް ވުމަށް އަނާރާ ނައީމް ހުށަހަޅުއްވައިފި ކަމަށެވެ. އެ މައްސަލައިގެ ތެރެއަށް ވަންނަން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމިކަމެއް އަދި ސާފެއް ނުވެ އެވެ.

އެޓާނީ ޖެނެރަލް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަަ އަޑުއެހުން މިދިޔަ ހޯމަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ އަޑުއެހުމަށް ބައެއް ނޫސްވެރިންނާއި ބައެއް ގާނޫނީ ވަކީލުންނަށްވެސް ފުރުސަތު ދީފައިވެ އެވެ.

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހެޅި މައްސަލައަށް ގިނަ އަދަދެއްގެ މެންބަރުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ވިދާޅުވަމުންނެވެ. އަދި އެ މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާތީ، ސުޕްރީމް ކޯޓަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.