ބޮލީވުޑް

"ޔަމްލާ ޕަގްލާ ދިވާނާ 3" ގައި ބޮބީގެ ލޯބިވެރިޔަކަށް ކާޖޮލް

Jul 13, 2017
1

ކުރީގެ މަޝްހޫރު އެކްޓަރު ދަރްމެންދުރަ އާއި އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ އެކްޓަރު ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް ގުޅިގެން އުފެއްދި ކޮމެޑީ ސިލްސިލާ ފިލްމު "ޔަމްލާ ޕަގްލާ ދިވާނާ" ގެ ތިން ވަނަ ފިލްމު މިފަހުން ވަނީ އިއުލާންކޮށްފަ އެވެ.

ދެހާސް އެގާރަވަނަ އަހަރު މި ސިލްސިލާގެ ފުރަތަމަ ފިލްްމު ނެރެފައިވާއިރު ދެވަނަ ފިލްމު ރިލީޒްކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވީ ނަމަވެސް "ޔަމްލާ ޕަގްލާ ދިވާނާ 2" އަށް ވަނީ ބޮކްސް އޮފީހުގައި ފެއިލްވެފަ އެވެ.

ހަތަރު އަހަރު ފަހުން އަލުން މި ސިލްސިލާގެ އިތުރު ފިލްމެއް އުފައްދަން ނިންމައި އިއުލާންކޮށްފައިވާއިރު މި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ސައުތުގެ ތަރި ކާޖަލް އަގަރްވާލް ކަމަށްވެ އެވެ.

މި ސިލްސިލާގެ ކުރީ ދެ ފިލްމެކޭ އެއްގޮތަށް ތިން ވަނަ ފިލްމުގައި ވެސް ބަތަލުންގެ ރޯލުން ފެނިގެންދާނީ ދަރްމެންދުރަގެ ތިން ބަފައިންނެވެ. ނަމަވެސް ބަތަލާގެ ރޯލުން ފެނިގެންދާނީ އާ މޫނެއް ކަމަށްވެ އެވެ.

ހިންދީ ފިލްމުތަކުގެ ތެރެއިން "ސިންގަމް" އާއި "ދޯ ލަފްޒޯކީ ކަހާނީ" އިން ފެނިގެން ގޮސްފައިވާ ކާޖޮލް މި ފިލްމު ކުޅެން ސޮއިކޮށްފައިވާ ކަމަަށްވަނީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. ވަރަށް ޒަމާނީ އަންހެން ކުއްޖެއްގެ ރޯލުން ކާޖޮލް ފެނިގެންދާނެއިރު، މި ފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވާން ވަރަށް އަވަހަށް ފަށާނެ އެވެ. އަދި ކާޖޮލް މި ފިލްމުގައި ފެނިގެންދާނެ ކަމަށްވަނީ ބޮބީގެ ލޯބިވެރިިޔާގެ ރޯލުންނެވެ.

އަންނަ މަހުގެ ކުރީކޮޅު މި ފިލްމުގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މުމްބައި ޕަންޖާބު އަދި ގުޖްރާތުގަ އެވެ.

"ޔަމްލާ ޕަގްލާ ދިވާނާ 3" އާ ބެހޭގޮތުން ވާހަކަދެއްކު ފަރާތަކުން ވަނީ މި ފިލްމަކީ މުޅިން އާ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށާއި މި ސިލްސިލާގެ ކުރީ ދެ ފިލްމުގެ ވާހަކައާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށސް ބުނެފަ އެވެ. ދަރްމެންދުރަ އާއި ސަނީ އަދި ބޮބީ ވެސް މި ފިލްމުގައި ފެނިގެންދާނީ މުޅިން އާ ރޯލުތަކަކުންނެވެ.

ކާޖޮލް އަކީ ބޮލީވުޑްގައި މާ ގަދަޔަށް ވިދާލި ތަރިއެއް ނޫން ނަމަވެސް އޭނާ އަކީ ސައުތުގައި ވަރަށް މަގުބޫލު އަދި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ފިލްމެކެވެ.