ހަބަރު

ގާސިމްގެ ޝަރީއަތް މާދަމާ އަލުން ފަށަނީ

Jul 12, 2017
1

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް ފެށުމަށް މާދަމާއަށް ޝެޑިއުލްކޮށްފި އެވެ. ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އަލުން އެ މައްސަލަތައް ޕީޖީ އިން އަލުން ކޯޓަށް ހުށަހެޅީ މިއަދު އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ، ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ގާސިމްގެ މައްސަލަތައް ޝެޑިއުލްކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

އެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ޝަރިއްޔަތުގައި ގާސިމްގެ ވަކީލުން ވަނީ، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަތައް ބާތިލް ކޮށްދިނުމަށް އެދި އިޖުރާއި މައްސަލައެއް ނަގައިފަ އެވެ. އެހެންކަމުން އެ މައްސަލައާ މެދު ގޮތެއް ނިންމެވުމަށް އެ ރޭ އިތުރު ޝަރިއްޔަތެއް ބޭއްވުމަށް ކޯޓުން ނިންމި ނަމަވެސް އެ ޝަރިއްޔަތަށް ޕީޖީގެ ވަކީލުން ހާޒިރުވެ ވަޑައިނުގަތުމުން ގާސިމްގެ މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލާފަ އެވެ. އެކަމާ ގުޅިގެން ޕީޖީއިން ބުނެފައި ވަނީ ގާސިމްގެ މައްސަލަ ބޭރުކޮށްލީ އެ މައްސަލަ ފަސްކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓުގައި ސިޓީއަކުން އެދިފައި ވަނިކޮށް ކަމަށެވެ.

ގާސިމްގެ މައްސަލަ ބައްލަވައި ބެންޗްގައި ތިއްބެވީ އިސްގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފެވެ. ރިޔާސަތު ބަލަހަައްޓަވަނީ އިސްގާޒީ ބާރީ އެވެ. ނަމަވެސް ގާސިމްގެ މައްސަލަ ބޭރުކޮށްލި ރޭ ބާރީ ވަނީ ޖުވެނަލް ކޯޓަށް ބަދަލުކޮށްފަ އެވެ.