ހަބަރު

ސުޕްރީމް ކޯޓުން މިފަހަރު ގޯސް ނިންމުމެއް ނުނިންމާނެ: ގާސިމް

Jul 13, 2017
2

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބޭފުޅުން އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވާ ނަމަ އެފަދަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުން ނުބައި ނިންމުމެއް ނުނިންމާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ފަރާތްތަކުގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގެ މެންބަރުން ގޮނޑި ގެއްލޭނެ
ގޮތް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށާއި އެކަމަށް އިތުރު ތަރުޖަމާއެއް ބޭނުން ނުވާ ކަމަށެވެ. ގާސިމް ވިދާޅުވީ އެޓާނީ ޖެނެރަލްގެ މި މައްސަލައަކީ ބޮޑު ޑްރާމާއެއް ކަމަށާއި ގާނޫނު އަސާސީގައި ވަކި ކަމެއް ވަކި ގޮތަކަށް ބަޔާން ކޮށްފައި އޮއްވާ އެއީ ދުސްތޫރީ މައްސަލައަކަށް ނުވާނެ ކަމަށެވެ. އަދި މުޅި ނިޒާމް ފުޑި ބާރުތައް މަސްހުނިވާ ގޮތަށް ސުޕްރީމް ކޯޓްގައި ތިއްބެވި ފަނޑިޔާރުން މި މައްސަލައިގައި ނިންމުމެއް ނުނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި މިހާ ސާފުކޮށް ބަޔާންކޮށްފައިވާ މައްސަލައެއް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށައަޅަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ. މި މައްސަލައާ ގުޅިގެން އިންސާފުވެރި ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ނިންމާނެކަމާއިމެދު އެއްވެސް ޝައްކެއް ނެތް،" ގާސިމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓްގެ މައްސަލައިގައި ގާސިމް ވިދާޅުވީ އެ މައްސަލައިގައި މެންބަރުންނަށް ދޭން ޖެހޭ ނޯޓިސް މިހާރު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ އަދިވެސް އެޖެންޑާ ކުރާނެ ދުވަހެއް މަޖިލީހުގެ އިދާރާއިން ނާންގާ ކަމަށް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ބައެއް މެންބަރުން ރާއްޖެއިން ބޭރުގައި ވެސް ތިއްބެވި އިރު ކުރީ ބައިގައި އެ މައްސަލަ އެޖެންޑާ ކުރާނެ ދުވަހެއް މެންބަރުންނަށް އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވަނީ ވީހާ ވެސް އަވަހަކަށް މައްސަލަ އެޖެންޑާ ކުރާނެ ދުވަހެއް އަންގައި ދިނުމަށް އެދިވަޑައިގެންފަ އެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ، އެއްވެސް އިރެއްގައި އޭނާ އަކީ މީހުންނަށް ރިޝްވަތު ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ މީހެއް ނޫން ކަމަށެވެ. އަދި އޭނާ ގައުމުގެ ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރާތީ، އަބަދުވެސް އެކި ދުވަސްވަރު އެފަދަ ތުހުމަތުތައް ކުރެވޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ތުހުމަތުތަކުގެ ބޭނުމަކީ އޭނާގެ އަގު ވައްޓާލުމާއި އިއްޒަތުން ނަފުސުގެ އަގު ނަގާލުމެވެ.

ޕީޖީއިން ކުރާ ރިޝްވަތުގެ ދައުވާތަކާ މެދު، ގާސިމް ވިދާޅުވީ އެ މައްސަލައިގައި އެކަށީގެންވާ ހެކި ނެތްކަން ޕީޖީއަށް ރަނގަޅަށް އެގި ހުރެ އެ މައްސަލަތައް އަވަސް އަރުވާލައިގެން ކޯޓުތަކަށް ފޮނުވާތީ ޕީޖީގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އޭނާގެ މައްސަލަތައް ކޯޓުން ބޭރު ކުރުމުން ވެސް އަލުން ރިވިއުކޮށް އެ މައްސަލަތައް އަލުން ކޯޓަށް ފޮނުވަން ނިންމީ ކޮން އަސާސެއްގެ ދަށުންތޯ ވެސް ގާސިމް ޕީޖީއާ ސުވާލު ކުރެއްވި އެވެ. އަދި ވިދާޅުވީ ޕީޖީ އަމަލު ކުރައްވާ ގޮތް ބޮޑު ޖޯކަކަށް ވެފައިވާ ކަމަށެވެ.