ކުޅިވަރު

ގްރީން ސްޓްރީޓާ މެދު ދެކޭ ގޮތް ބަދަލު ކުރެވިއްޖެ

Jul 13, 2017
1

ގްރީންސްޓްރީޓާއި އަދި އޭނާ އާ މެދު މީހުން ދެކޭ ގޮތް ބަދަލު ކުރެވިއްޖެ ކަމަށް، އެޓީމުގެ ކޯޗް ސޮބާހް މުހައްމަދު ބުނެފި އެވެ. މިއަދު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިޑިއާއާ ވާޙަކަ ދައްކަމުން، ސޮބާ ބުނީ، ގްރީންސްޓްރީޓުން ސީޒަނާ ކުރިމަތިލިއިރު، މީހުން އެ ޓީމު ރޭންކު ކުރީ ހަތް ވަނައިގައި އޮންނާނެ ޓީމެއްގެ ގޮތުގައި ކަމަށެވެ.

މިވަގުތު ގްރީންސްޓްރީޓް އޮތީ، 21 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. ގަދަ ހަތަރެއްގައި، ބައެއް ޓީމުތައް އޮންނަން ޖެހޭ ކަމަށް، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފައި ވުމުން، ސޮބާ ބުނީ ބައެއް ބޭފުޅުން ބައެއް ޓީމުތަކަކީ ގަދަ ހަތަރެއްގައި އޮންނަން ޖެހޭ ޓީމުތައް ކަމަށް ބުނި ނަމަވެސް އެ ޓީމުތަކަށް ނޯވެވިގެން މިއުޅެނީ ގްރީންސްޓްރީޓް ގަދަ ހަތަރެއްގެ ތެރޭގައި އޮވެގެން ކަމަށެވެ.

"އަޅުގަނޑުމެންވެސް ކުރަނީ މަސައްކަތް، މިހާތަނަށް ކުޅުނު މެޗުތަކުގައި އެނގި ލައްވާނެ ގްރީން ސްޓްރީޓުން ހަމަ ފަހަތުގައި ފާރެއްހެން އެތުރިލައިގެން ތިބީ ނޫންކަން ހަމަ ރަނގަޅު އެޓޭކިން ގޭމެއް ކުޅެގެން ވިސްނުން ތޫނު ކަމާއެކު މަސައްކަތް ކޮށްގެން މިހިސާބުގައި އޮވެގެން މިދަނީ،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ވިކްޓަރީ އަތުން ބަލިވުމަށް ފަހު، އޭގެ ފަހުން ޔުނައިޓަޑް ވިކްޓަރީ އަތުން މޮޅުވެ، މިއަދު މާޒިޔާއާ ދެކޮޅަށް ނިކުންނަން ޖެހޭއިރު ކުޅުންތެރިން މޯރަލީވެސް ރަނގަޅު ވެފައިވާ ކަމަށެވެ.

އަޅުގަނޑުމެން މިފަހަރު ޓީމު ނެރެގެން ވެސް، ތަޖުރިބާކާރު ކުޅުންތެރިންތަކެއް ގެނައި ނަމަވެސް މީހުން ދެކެނީ އެއީ ބާކީ ވެފަ ތިބި ކުޅުންތެރިންކަމަށް، ނަމަވެސް މިހާތަނަށް އޭގެތެރެއިން ބައެއް ކުޅުންތެރިން ދެއްކި ޕާފޯމަންސަށް ބަލާއިރު އަޅުގަނޑަށް ހީވަނީ [އަހްމަދު ރަޝީދު] އަންމަޑޭއަށް ވެސް މާޒިޔާގައި ކުޅެލެވޭނެ ހެން، މިޑްފީލްޑަށް ކުޅޭ ކުޑަ އަންމަޑޭ، އިފައްޓޭ މެންނަކީ ޖެހިލުމެއް ނެތި އެހެން ޓީމެއްގައިވެސް ކުޅެވޭ ކުޅުންތެރިން ހެން،" ސޮބާ ބުންޏެވެ.

މިއަދާ ހަމަޔަށްވެސް މިއޮތީ ކުޅުންތެރިން ކުރި މަސައްކަތް މިހާހިސާބަށް އައިސް އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ދުލެއް ދޭކަށް، މިހާހިސާބުން އަޅުގަނޑުމެން ގަދަ ހަތަރަކުން ކައްސާލި ނަމަވެސް މިހާރު ގްރީން ސްޓްރީޓާއި އަދި އަޅުގަނޑާ މެދު ދެކޭގޮތް ހާސްބައި ތަފާތު ވާނެ، އެންމެން ރޭންކް ކުރީ ގްރީން ސްޓްރީޓް ހަތް ވަނައިގައި ނުވަތަ އަށް ވަނައިގައި، ތިބޭފުޅުން [ނޫސްވެރިން ވެސް]، މިއަދު އެހެނެއް ނޫން ކަންނޭންގެ، އެފްއޭ ކަޕަށް ނިކުތް ނަމަވެސް އެހެން މުބާރާތަކަށް ގްރީން ސްޓްރީޓާ ދެކޮޅަށް ނިކުންނަ ޓީމަކަށް ހިތައްނާރާނެ ކަންނޭންގެ ބޭނުން ގޮތެއް ހަދާ ލެވޭކަށް ނެކަމަކަށް."

ސޮބާ ބުނީ ދެ މެޗަކުން ބަލިވެފަވީ ނަމަވެސް، މާޒިޔާއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ. "މެޗަކުން ބަލިވެދާނެ ރަނގަޅަށް ރިކަވަރީ ނުވެ ކުޅެން ޖެހުމުމުންވެސް، އެެހެންނަމަވެސް، މާޒިޔާ އަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ވަރުގަދަ ޓީމު އެ ޓީމުގެ ދެ ކުޅުންތެރިޔަކު ސަސްޕެންޝަންގައި ހުރި ނަމަވެސް އެތަނަށް ނެރޭނީ ގައުމީ ޓީމުގެ ކުޅުންތެރިން، ކުޅުންތެރިންތަކެއް ނެތަސް މާޒިޔާއާ ދެކޮޅަށް ކުޅެން ފަސޭހައެއް ނުވާނެ."