ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ ބޭފުޅަކު އިންތިހާބުވާއިރު ހުންނަވާ ސިޔާސީ ޕާޓީން ވަކިވެވަޑައިގެންނެވުމުން ނުވަތަ ވަކި ކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ހަދަން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ތެރެއަށް ޕްރިމިއަން ޗެމްބާސް އިން ވަންނަން ނިންމައިފި އެވެ.
ޕްރިމިއާ ޗެމްބާސްއަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދެބެއިން ކަމަށްވާ މައުމޫން ހަމީދާއި ޝާހީން ހަމީދުގެ ލޯ ފާމެވެ. އެ ލޯފާމް އިން މިއަދު އިއުލާން ކުރި ގޮތުގައި މިހާރު ސުޕްރީމް ކޯޓުގައި އޮތް "ފްލޯ ކްްރޮސިން" މައްސަލައަށް ވަނުމަށް ނިންމާ މިއަދު ހެނދުނުގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.
ދުސްތޫރީ މައްސަލައާ މެދު އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ މި ދަންޑިވަލުގައި ޕްރިމިއަމް ޗެމްބާސްގެ އިތުރުން ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވެސް ވަނުމަށް ވަނީ ހުށަހަޅާފަ އެވެ.
ދައުވާ ލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި އެޓާނީ ޖެނަރަލް އޮފީހުން ހުށަހެޅި މި މައްސަލާގެ އަޑު އެހުމެއް މިދިޔަ ހޯމަ ދުވަހު ބޭއްވި އެވެ. ނަމަވެސް އެ މައްސަލާގެ ހުކުމް ކުރުން ކަމެއް ނުވަތަ އިތުރު އަޑު އެހުމެއް ބާއްވަނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާނެއް ނުކުރެ އެވެ.