ހަބަރު

ކުދިންނާ މެދު އިހުމާލުވެގެން ކުޑަކުދިންގެ ހިޔާތަކުން ހަތަރު މުވައްޒަފަކު ވަކިކުރިން: ޒެނީޝާ

އެކި އެކި ސަބަބުތަކާ ހެދި ދައުލަތުން ބަލަހައްޓަމުން އަންނަ ކުދިން ބައިތިއްބާ މަރުކަޒުތަކުގައި އެކުދިންނާ މެދު އިހުމާލުވި މައްސަލަ ތައް ބަލައި، ހަތަރު މުވައްޒަފަކަށް މިއަހަރު ފިޔަވަޅު އަޅާފައިވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުދިންނަށް ބުލީ ކުރުން ނޫނީ އަނިޔާދިނުން ފަދަ ކަމެއް މުވައްޒަފެއްގެ ފަރާތުން ފާހަގަ ވެއްޖެ ނަމަ އެމައްސަލައެއް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

"އެކަހަލަ އެއްވެސް މައްސަލައެއް އަޅުގަނޑުމެންނަށް ފާހަގަވާ ހިސާބުން އަޅުގަނޑުމެން ތަހުގީގެއް ކުރިއަށް ގެންދަން މިނިސްޓްރީގެ ފަރާތުން،" މިނިސްޓަރު ވިދާޅުވިއެވެ.

ޒެނީޝާ ވިދާޅުވީ ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުން ހާސިލު ކުރި އެންމެ ބޮޑު ކާމިޔާބީއަކީ އެތަންތަނުގައި ދިރިއުޅޭ ކުދިންގެ އަމިއްލަ ނަފުސުގެ އިތުބާރު އުފެއްދުން ކަމަށެވެ. އަދި ވިދާޅުވީ މަރުކަޒުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުދިންނަށް އަމިއްލަ ނަފުސުގެ އިތުބާރު ލިބިދިނުން ކަމަށެވެ.

މަރުކަޒުތަކުގައި ބަލަހައްޓަމުން އަންނަ ކުދިންގެ ހާލަތު ރަނގަޅު ކުރަން ކޮށްފައިވާ މަސައްކްތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ކުދިންގެ ހެލްތު ސްކްރީން ގަވައިދުން ހަދަމުން ދިއުން، ކުދިންގެ ސިއްހީ ކަންތައްތައް މޮނިޓާ ކުރުމަށް އެކަމުގެ ތަމްރީނު ލިބިފައިވާ ހެލްތު އޮފިސަރުންނާއި ނަރުހުން ތިބޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތައުލީމީ ހާލަތު ރަނގަޅު ކުރުމަށް ޓަކައި ޓީޗަރުންވެސް މިހާރު މަސައްކަތް ކުރަމުންދާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަރުކަޒުތަކުގައި މިހާރު ތިބި ކުދިން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ ވަރަށް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ވަސީލަތްތައް އިތުރަށް ބޭނުން ވާ ހާލަތްތަކުގައި މަދަދު ކުރަން އަމިއްލަ ބައެއް ފަރާތްތަކާ އެކުގައި ވެސް އެމްއޯޔޫތައް ގާއިމްކޮށްފައިވާ ކަމަށެވެ.

ކުޑަކުދިން ބަލަހައްޓާ ތިން މަޒުކަޒު ކަމަށްވާ ވިލިމާލޭ ކުޑަކުދިންގެ ހިޔާއާއި އަމާން ހިޔާއާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މިހާރު ތިބީ 163 ކުދިންނެވެ.