ކުޅިވަރު

ގްރީންއިން ގަދަ ފަދަ މާޒިޔާވެސް ބަލިކޮށްފި

Jul 13, 2017
1

ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުން 1-0 ގެ ނަތީޖާއިން މެޗުން މޮޅުވެ، ގްރީންސްޓްރީޓުން، ގަދަ ފަދަ މާޒިޔާވެސް ބަލިކޮށް، ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މެޗުން ބަލިވުމުން، މާޒިޔާއަށް ވަނީ ތާވަލުގެ އެއް ވަނައިގައި ދެމިއޮތުމަށް ހުރަހެއް ކުރިމަތި ވެފަ އެވެ. މާޒިޔާގެ ފަހަތުން އެއް ޕޮއިންޓްގެ ފަރަގަކާއެކު، އޮތް ނިއުރޭޑިއަންޓުން މިރޭ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އެ ޓީމަށް މާޒިޔާގެ މައްޗަށް ދެ ޕޮއިންޓަށް ފަރަގު ބޮޑުކޮށް ތާވަލުގެ އެއް ވަނަ ހޯދޭނެ އެވެ.

މެޗުން މޮޅުވެ، ގްރީންސްޓްރީޓް ވަނީ ތާވަލުގެ ތިން ވަނަ އަށް ޖެހިލާފަ އެވެ. ލީގްގައި އެ ޓީމު ކުޅޭ އެންމެ ފަހު މެޗަކީ، ހަތަރު ވަނައިގައި އޮތް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. މިހާރު އޮތް ގޮތުން އެ މެޗު އެއްވަރު ކޮށްލައިގެން ވިޔަސް، ގްރީންއަށް ދިވެހި ޕްރިމިއާ ލީގް ޖާގަ ޔަގީން ކުރެވޭނެ އެވެ.

މެޗުގައި، ގްރީންގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ސޮބެލް އިލިއާ އެވެ. އޭނާ ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުން ނެވެ. މެޗުގެ ކުރިން ގްރީންގެ ކޯޗް ސޮބާހް މުހައްމަދު ބުނީ، ގްރީންގެ ކުޅުންތެރިން ޑިފެންސްގައި ފައުލު ނުކޮށް، ހިލޭ ޖަހުންތަކަށް ފުރުސަތު ނުދީ، ކުޅެ ފިނަމަ މާޒިޔާ ބަލި ކުރެވޭނެ ކަމަށެވެ.

ގްރީންއިން ވަނީ، މޭލާ ލީގްގައި އެންމެ ޓީމެއް ފިޔަވައި ހުރިހާ ޓީމެއްވެސް ބަލިކޮށްފަ އެވެ. އެ ޓީމު މޮޅު ނުވެވެނީ ވެލެންސިއާ އަތުން އެކަންޏެވެ. އެ ޓީމާ ދެކޮޅަށް، ދެ ބުރުގައިވެސް ކުޅުނު މެޗު، ނިމުނީ އެއްވަރު ވެގެންނެވެ.

މި ކާމިޔާބާއެކު، އެންމެ ބޮޑު ހިތްހަމަޖެހުމެއްގައި ހުރި އެކަކަށް ވާނީ ކޯޗް ސޮބާ އެވެ. އޭނާ ބުނީ، މެޗުން މޮޅުވީ ރޭވުންތެރި ކަމާއެކު ކުޅުންތެރިން ކުރި މަސައްކަތުން ކަމަށާއި ހުރިހާ ކްރެޑިޓެއް ހައްގު ވަނީ ކުޅުންތެރިންނަށް ކަމަށެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ވަނީ، ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ. މިއީ ދިވެހި މީޑިއާގެ ކުރިމަތީގައި، އޭނާ ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރެފްރީގެ ނިންމުން ތަކާ މެދު ބެންޗުގައި ހުރެ ހިތްހަމަ ނުޖެހުން ފާޅުކޮށް، އެކަމާ ބެހޭގޮތުން މީޑިއާއިން ސުވާލު ކުރި ނަމަވެސް، އޭނާ ވަނީ ރެފްރީންނާ ބެހޭގޮތުން ކޮމެންޓް ކުރަން ދެކޮޅު ހަދާފަ އެވެ.

މެޗުގައި މާޒިޔާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، މިއަދު މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މުހައްމަދު އުމޭރު ކާމިޔާބު ކުރި ލަނޑު އޮފްސައިޑް ކަމަށް ނިންމުމުން ނެވެ. މާޒިޔާގެ ކުޅުންތެރިންނާއި ބެންޗުން ވަނީ، އެލަނޑު އޮފްސައިޑް ކަމަށް ނިންމުމުން އެކަމާ އެޕީލް ކޮށްފަ އެވެ.