މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ރަންވޭ އަށް ފްލައިޓްތަކުން ތެޔޮ ލީކްވެ، ގާތްގަނޑަކަށް ފަސް ފަހަރެއްގެ މަތިން އެއާޕޯޓް ބަންދު ކުރަން ޖެހުނެވެ. އާންމުކޮށް އެ މައްސަލަ ޖެހެނީ އޭ – 320 މަރުކާގެ ބޯޓުތަކުގެ ކަނާފަރާތު ލޭންޑިން ގިއާ އަށެވެ. ބައެއް ފަހަރު އެ މައްސަލަ ޖެހުނީ ބޯޓު ޖައްސާ ވަގުތު އެވެ. ނޫނީ ރަންވޭ އިން ބޯޓު ނައްޓާލާތާ އިރުކޮޅެއް ނުވެ އެވެ.
އެއާޕޯޓުން "އަވަސް" އާ ވާހަކަ ދެއްކި ބައެއް ޓެކްނީޝަނުން ބުނި ގޮތުގައި އެންމެ ފުރަތަމަ ބެލެވުނީ އެ މައްސަލަ ދިމާވަނީ އޭ- 320 ހައިޑްރޯލިކް ޖެކް ހެދުމުގައި ހުރި މައްސަލައަކުން ދިމާވާ ކަމެއް ކަމަށެވެ. އެއީ ހޮންކޮންގާއި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގެ އެއާޕޯޓް ފަދަ ތަންތަނުގައި އެ މައްސަލަތައް ދިމާވެފައި ވުމެވެ. އެކަމަކު އެކަންވީ ހީކުރެވުނު ގޮތަކަށް ނޫނެވެ.
"އެ މައްސަލައިގައި އެއާބަސްއާ ވެސް ވާހަކަ ދެއްކި. އަދި އެބޭފުޅުން ވެސް އެކަން ބައްލަވާނެ ކަމަށް ވިދާޅުވި. އެހެން ނަމަވެސް ބޯޓުތަކުގެ ޕައިލެޓުން މި ބުނަނީ ރަންވޭގެ ވަކި ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ވަޅުގަނޑު އެބަ ހުއްޓޭ،" ނަން ނުޖަހާ ގޮތެއް ވާހަކަ ދެއްކި އެ އިންޖިނިއަރު ބުންޏެވެ. "އެހާ ހިސާބުން އެބަ ޔަގީންވޭ ރަންވޭގެ މައްސަލަތަކެއް ހުރި ކަމަށް،"
އައިއެންއައިއޭގެ ރަންވޭ އަކީ އެ އެއާޕޯޓް އެންމެ ފުރަތަމަ ހެދިއިރު އެތަނުގައި އޮތް ރަންވޭ އެވެ. އެ ރަންވޭ ކޮންމެވެސް ވަރަކަށް އެކި ދުވަސްވަރު މަރާމާތު ކުރި ނަމަވެސް މިފަހުގެ ބޯޓުތަކާ އެއްވަރަށް ރަންވޭ ތަރައްގީ ކުރެވިފައެއް ނުވެ އެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ޖީއެމްއާރަށް އެއާޕޯޓް ދިން އިރުވެސް ރަންވޭއެއް އެޅުމުގެ އެއްވެސް ވާހަކައެއް އެ އެގްރިމަންޓްގައި ވެސް ނެތެވެ. ނަތީޖާއެއްގެ ގޮތުން ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް އޭރުވެސް ނުކުރެވުނެވެ.
އެއާކްރާފްޓް އިންޖިނިއަރުން ބުނާ ގޮތުގައި ފްލައިޓްތަކުގެ ހައިޑްރޯލިކް ޖެކް ހުންނަނީ ބޯޓުގެ ފުރޮޅުގެ ތަންކޮޅެއް މަތީގަ އެވެ. ހައިޑްރޯ ލިކް ޖެކް ބޭނުން ކުރަނީ ބޯޓުގެ ފުރޮޅުތައް ކޮންޓްރޯލް ކުރުމަށެވެ. އަދި ހައިޑްރޯލިކް ލީކް ވުމުގެ މައްސަލަ ނިކުންނާނީ ބޯޓު ޖައްސާ ވަގުތު ފުރޮޅުތަކަށް މާ ބޮޑަށް ޕްރެޝަރު ދޭން ޖެހުން ނޫނީ ފުރޮޅު ތަނެއްގައި އަޅައިގަތުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ކަމަށް ވެސް އިންޖިނިއަރުން ވިދާޅުވެ އެވެ.
"ވަރަށް ސްމޫތްކޮށް އޮންނަން ޖެހޭ އެއްޗެއް ރަންވޭ އަކީ. އެކަމަކު އޭގައި އަޅައިގަތުން ކަހަލ ކަންކަން ހުންނަންޏާ އެ ހިސާބުން ބޯޓްގެ ލޭޑިން ގިއާއަށް އެންމެ އަވަހަށް މައްސަލަތައް ދިމާވާނީ،" އެއާކްރާފްޓް އިންޖިނިއަރަކުން ބުންޏެވެ.
ބޯޓުން ރަންވޭއަށް އެއްވެސް ޒާތެއްގެ އެއްޗެއް ލީކް ވެއްޖެ ނަމަ އެ ހިސާބުން ރަންވޭ ބަންދު ކުރަން ޖެހެ އެވެ. އެތަނެއް ސާފުނުކޮށް ރަންވޭ އަލުން ހުޅުވުމަކީ ވައިގެ ދަތުރުގެ ސަލާމަތީ މިންގަނޑުތަކުން ހުއްދަ ދޭ ކަމަކަށް ނުވެ އެވެ. އަދި ހައިޑްރޯ ލިކް މައްސަލަ ޖެހިއްޖެ ނަމަ ބޯޓު ރަންވޭން ނެރެ އޭޕްރޮންއަށް ވައްދަން ޖެހެނީ އެހެން ވެހިކަލެއްގެ އެހީގަ އެވެ.
އެއީ ހައިޑްރޯލިކް ފެއިލް ވެއްޖެ ނަމަ ބޯޓުގެ ފުރޮޅު ކޮޅުކޮޅަށް އަނބުރާ ހެދުމަށް ޕައިލެޓަށް ގިނަ ފަހަރަށް ފުރުސަތު ނުލިބޭތީ އެވެ. އެހެން ކަމުން އެ ހުރިހާ ކަމަކަށް އެއާޕޯޓްގެ ރަންވޭ ގަނޑިއެއްހާއިރަށް ބަންދު ކުރަން ޖެހެ އެވެ. އެހެން ވެއްޖެ ނަމަ އެތައް ފްލައިޓެއް ވައިގެ ތެރޭގައި ނުޖެއްސި އުދުހެން ޖެހެ އެވެ. އަދި ބައެއް ފްލައިޓްތައް އެހެން މަންޒިލްތަކަށް އަނބުރާލަން ވެސް ޖެހެ އެވެ.
އެއާޕޯޓަށް މުޅިން އާ ރަންވޭއެއް ބޭނުންވާ ކަމަށް އިކޮނޮމިކް ކައުންސިލް ވެސް މިހާރު ވަނީ އިއްތިފާގުވެފަ އެވެ. އަދި އެއީ ވަރަށް އަވަހަށް ކުރަން ޖެހޭ މަސައްކަތެކެވެ. އެކަމަށް ޓަކައި އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ފައިސާ ވެސް ހިމަނައިފަ އެވެ.
ރަންވޭ އެޅުމާއި އެއާޕޯޓްގެ ތަރައްގީގެ މަސައްކަތްތައް މެނޭޖް ކުރުމަށް ސިންގަޕޫރުގެ އެއާޕޯޓް ހިންގާ ޗާންގީ އެއާޕޯޓްސް ކުންފުނި މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެހެން ކަމުން އަންނަ އަހަރުގެ ތެރޭގައި އާ ރަންވޭގެ މަސައްކަތް ފެށޭނެ ކަމަށް މި ވަނީ ބެލެވިފަ އެވެ. އެކަމަށް ޓަކައި ބަޖެޓްގައި ހަ ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެކަން ކުރުމަށް ޖަޕާންގެ ބައެއް ކުންފުނިތަކާ ސަރުކާރުން ވަނީ މިހާރު މަޝްވަރާކޮށްފަ އެވެ. އެއާޕޯޓްގެ ރީތި ޓާމިނަލަކަށް ވުރެ ރަންވޭ އެޅުން މިހާރުން މިހާރަށް ވެސް މި ވަނީ މާބޮޑަށް މުހިންމުވެފަ އެވެ.